ޒަކާތުގެ ފައިސާއިން ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމު މިރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަގީރުންގެ ދަފުތަރުގައިވާ ކޮންމެ ފަރުދަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ މިހާރު ވަނީ ޖަމާކޮށްފައި ކަމަށެވެ.
"އަދި ފަސް ލައްކަ ރުފިޔާ ފަލަސްތީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް އިންޝާ ﷲ ހަދިޔާކުރަން ވަނީ ނިންމާފަ،" ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ ގޮވާމުން މާލޭ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ލިބުނު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ ފަގީރުންގެ ލިސްޓުގައި މި ވަގުތު ތިބީ 2،765 މީހުން ކަމަށާއި ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ބަހާފައިވަނީ 12.4 މިލިއަން ރުފިޔާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިފަހަރު ނިންމާފައިވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ ހުރިހާ މީހުންނަށް 4،500 ރުފިޔާ ދިނުމަށެވެ. މީގެ ކުރިން ޒަކާތު ފައިސާ ބަހާފައިވަނީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ތަނެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. އެހެން ހެދުމުން، ބައެއް ރަށްރަށުގައި ޒަކާތުގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ފަގީރުންނަށް ލިބިފައިވެއެވެ.
މިފަހަރު ފަގީރުންގެ ލިސްޓުގައި ތިބި ހުރިހާ މީހުންނަށް އެއް ހަމައަކުން ޒަކާތު ފައިސާ ބަހަން ނިންމީ އިޖުތިމާއީ އަދުލުވެރިކަން ގާއިމުކުރުމުގެ މަގުސަދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ޒަކާތް
ޒަކާތް
ޒަކާތް