މަސްޖިދުއްނަބަވީގެ އިމާމު ފަލީލަތުއްޝައިހް ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގައެވެ.
އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަލީލަތުއްޝައިހް މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސް ވަނީ އިމާމް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވާފައި ކަމަށެވެ. އިމާމް ރާއްޖެ ވަޑައިގަތުމަކީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް އަހުވަންތަކަމުގެ ގުޅުން ދައްކުވައިދޭކަމެއްކަމެއްކަން ރައީސް އެ ބައްދަލުވުމުގައި ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މިއީ 41 އަހަރުފަހުން ހަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަތް ފުރަތަަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި އިމާމް ވަނީ ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ސަރުކާރުން ދެއްވީތީ އެކަމަށް ޝުކުރު އަދާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ އިސްލާމްދީނުގެ ހަމަތަކުގެ މައްޗަށް ކަމަށާއި ކުރިއަށްއޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އިމާމު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާއި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތުން ހެޔޮ ދުއާ ފޮނުއްވާކަމަށް އިމާމު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ތަރައްގީއަށް ދެމުންދާ އެހީތެރިކަން އެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގައި އިސްލާމީ ތައުލީމީ ކުރިއެރުވުމަށް ސައުދީގެ ފަރާތުން ދެމެންދާ އެހީތެރިކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސް ވަނީ ހައްޖާއި އުމްރާގެ އަޅުކަމަށް ރާއްޖެއިން، ސައުދީއަށްދާ މީހުންނާ މެދު ސައުދީ ސަރުކާރުން ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުން ނިންމާލާފައިވަނީ ދެގައުމުގެ ގުޅުން މިހާރަށްވުރެ ވަރުގަދަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ދެއްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހަރަމްފުޅުގެ އިމާމު ޝައިހު ޑރ. ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެ މެންދުރުގައެވެ. އެ މަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ.
ޑރ. ސަލާހު ރާއްޖެ ވަޑައިގެންނެވުމުން، އެ މަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޝަހީމާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނެވެ.
ޑރ. ސަލާހުގެ މި ދަތުރުފުޅަކީ ރައީސް މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.
ޑރ. ސަލާހުގެ މި ދަތުރުފުޅަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.
ޑރ. ސަލާހުގެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޝަހީމްއާ ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޝައިހު ޑރ. ސަލާހު މާދަމާ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަގްރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ޝައިހު ޑރ. ސަލާހުއެވެ.
އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާ އިރު، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ ޑރ. ސަލާހެވެ.
މިއީ ހަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަތް ދެވަނަ ފަހަރެވެ. ހަރަމްފުޅެއްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު