ބަންގްލަދޭޝްގެ އާންމު އިންތިހާބު އަންނަ އަހަރުގެ އޭޕްރީލްގައި ބޭއްވުމަށް އެގައުމުގެ ވަގުތީ ސަރުކާރުން ނިންމައިފިއެވެ.

ސިޔާސީ ހަމަނުޖެހުންތަކުގައި ހަލަބޮލިވެފައި އޮތް ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވެރިކަން ދޫކުރައްވައި އިންޑިއާއަށް ވަޑައިގަތުމަށްފަހު އިސްތިއުފާ ދެއްފައިވާއިރު އެގައުމުގެ ސަރުކާރު ހިންގުން ވަނީ ވަގުތީ ބޮޑުވަޒީރަކާ ހަވާލުކޮށްފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމާ ވަގުތީގޮތުން ހަވާލުވެފައިވަނީ ނޯބަލް ޕީސް އެވޯޑް ލިބިފައިވާ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ މުހައްމަދު ޔޫނުސް އެވެ.

ބަންގްލަދޭޝްގެ ވަގުތީ ބޮޑުވަޒީރު މުހައްމަދު ޔޫނުސް ވަނީ އެގައުމުގެ ކަންކަން ވޭތުވެދިޔަ ދުވަސްތަކުގައި ހިންގާފައިވަނީ އުނދަގޫކޮށް ކަމަށާއި އާންމުންނަށް ލިބެންޖެހޭ ގިނަ ހިދުމަތްތަކަކަށް ދަތިތަކެއް ހުރި ކަމަށްވެސް ވިދާޅުވެފަައެވެ.

ބަންގްލަދޭޝްގެ ވެރިކަން އެގައުމުގެ ރައްޔިތުން އިންތިހާބު ކުރާ ފަރާތަކަށް ދިނުމަށް އާންމު އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރީކޮޅުގައި އޮންނާނެ ކަމަށް ޔޫނުސް ވަނީ އާންމުންނާ މުހާތަބު ކުރައްވައި ވިދާޅުވެފައެވެ.

އާންމު އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެގައުމުގެ އިންތިހާބާ ބެހޭ އިދާރާއާ ހަވާލުކޮށްފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި އިންތިހާބުގެ ކަންކަން އެއިދާރާއިން ކުރިޔަށް ދާނެ ކަމަށް ޔޫނުސް ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު ހަސީނާގެ އިސްތިއުފާއަށްފަހު ބަންގްލަދޭޝްގެ ވަގުތީ ސަރުކާރަށް އެގައުމުގެ އިދިކޮޅުން ވަނީ ގިނަ ދަތިތަކެއް ކޮށްފައެވެ. އެގޮތުން އާންމު އިންތިހާބު އަވަސްކުރުމަށް ބާރުއަޅާފައިވެއެވެ.

ބަންގްލަދޭޝްގެ އިދިކޮޅުން ވަނީ އާންމު އިންތިހާބު އަންނަ ޑިސެމްބަރުގައި ބާއްވަން ޖެހޭނެ ކަމަށް ބުނެ ވަގުތީ ސަރުކާރަށް ޕްރެޝަރުކޮށްފައެވެ.