ފުވައްމުލައް ސިޓީގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ފުވައްމުލައް ސިޓީގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 8:54 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

"ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި، ބޭރުފުށުން ފެންނަން ހުރި އަނިޔާތަކުގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް، ކަނާއަތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާވެފައިވޭ" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އަނިޔާވި މީހާ އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ އިތުރަށް ބަލަމުން އަންނައިރު މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.