ރާއްޖޭގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ ތެރެއިން 84 ޕަސެންޓަކީ އަންހެން ޓީޗަރުން ކަމަށާއި ފިރިހެން ޓީޗަރުންގެ ޕަސެންޓަކީ އެންމެ 16 ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިދިޔަ 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން 74 ޕަސެންޓަކީ ދާއިމީ ދިވެހި ޓީޗަރުން ކަމަށާއި ބިދޭސީ ޓީޗަރުންގެ އަދަދަކީ 22 ޕަސެންޓް ކަމަށެވެ. އަދި ހަތަރު ޕަސެންޓަކީ ވަގުތީ ޓީޗަރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ހަތަރު ޕަސެންޓަކީ ވަގުތީ ޓީޗަރުން ކަމަށާއި އެއީ ހަތަރު މާއްދާ ކަމަށްވާ ދިވެހި، އިސްލާމް، ގުރުއާން އަދި ޕްރައިމަރީ ޓީޗިންއަށް ޓީޗަރުން ނުލިބިގެން ނަގާފައިވާ ޓީޗަރުން ކަމަށެވެ. އަދި އެ ޓީޗަރުންނަކީ އެއްވެސް ތަމްރީނެއް ލިބިފައިނުވާ ފަރާތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"77 އިންސައްތަ އެއީ ބިދޭސީ ޓީޗަރުން ވެސް ހިމަނައިގެން، 77 އިންސައްތަ މުދައްރިސުންނަކީ އަންހެން ބޭފުޅުން. ފިރިހެން މުދައްރިސުންގެ ނިސްބަތް މިހުރީ 23 އިންސައްތައިގައި. ބިދޭސީ ޓީޗަރުންނާއި ދިވެހި ޓީޗަރުން ވަކި ވަކިން ބަލައިލައިފިނަމަ ދިވެހި ފިރިހެން ޓީޗަރުންގެ ނިސްބަތް މިއުޅެނީ 16 ޕަސެންޓްގައި. އަދި ޕްރައިމަރީ ކީސްޓޭޖްގައި، ކީސްޓޭޖް އެކެއް އަދި ކީސްޓެޖް ދޭއްގައި މަސައްކަތް މި ކުރަނީ ގާތްގަނޑަކަށް ނުވަ އިންސައްތަ ފިރިހެން ބޭފުޅުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ދިނުމަށް ޓަކައި ގިނަ އަދަދެއްގެ މުދައްރިސުން ބޭނުންވާ ކަމަށާއި އެގޮތުން 600 އެއްހައި ސެން ޓީޗަރުން ބޭނުންވާ ކަމަށާއި 200 އެއްހައި ޕްރައިމަރީ ޓީޗަރުން އަދިވެސް ބޭނުންވާ ކަމަށެވެ.

މި އަދަދަށް ޓީޗަރުން ބޭނުންވަނީ ކީސްޓޭޖް ހަތަރަކާއި ކީސްޓޭޖް ފަހަކަށް ބޭނުންވާ ސަބްޖެކްޓް ޓީޗަރުން ނުހިނަމައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.