ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި ސްކޭމްގެ މައްސަލަތައް ވެސް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން ބަލަން ނިންމައިފިއެވެ.

މިއަދު ބޭއްވި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިރުހާނެވެ. އޭނާ ހުށަހެޅުއްވީ ކަމާ ބެހޭ ހުރިހާ އިދާރާތަކެއް ކޮމިޓީއަށް ހާޒިރުކޮށް މައްސަލަ ހިނގާފައިވާ ގޮތް ބެލުމަށެވެ.

އެތައް ބަޔަކަށް ލަނޑު ލިބިއްޖެ. އެހެންވީމަ މި ކޮމިޓީން އެބަޖެހޭ އެ މައްސަލަތައް ބަލައި ދިރާސާ ކުރަން. އެ މައްސަލަ ބަލައިދިނުމަށްއެދި އަޅުގަނޑު ހުށަހަޅަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފްއެވެ. މިއަދުގެ ކޮމިޓީން ވަނީ އެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރުމަށް ފާސްކޮށްފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފު ވިދާޅުވީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ އެކަނި ނުބަލައި، ސޯޝަލް މީޑިއާގައި އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްގެ ހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ޖުވާ ކުޅޭ މައްސަލަތައް ވެސް ބަލަންޖެހޭ ކަމަށާއި އޭގެ ފައިސާ ރާއްޖޭގެ ބޭންކުތަކަށް ވެސް ޖަމާ ކުރާ ކަމަށެވެ. އަދި ޖުވާ ކުޅޭ ޕްލެޓްފޯމުތަކުން އެކައުންޓްތަކަށް ޖަމާކުރާ ފައިސާ ބީއެމްއެލް އިން މިހާރު ބްލޮކްކުރާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ސްކޭމްގެ މައްސަލަ މަޖިލީހުން ބަލަން ނިންމި އިރު، ބައިލައްކައެއްހާ ދިވެހިން އެތައް މިލިއަނެއް އިންވެސްޓް ކުރި، ޕިރަމިޑް ސްކީމް ޖީއެމްސީ ނުވަތަ ޖެމްކިޔު އިން ފައިސާ ނުނެގި އެ ސްކީމް އެންމެ ފަހުން ހުއްޓާލައިފައެވެ.

އެނގިފައިވާ ގޮތުގައި އެ ސްކީމަށް އިންވެސްޓް ކުރި މީހުންގެ ފައިސާ ދެން ނުލިބޭނެ އެވެ. އަދި ފުލުހުން މެދުވެރިކޮށް އެކަން ކުރަން ބެލި ނަމަވެސް އެއީވެސް ވާނެ ކަމެއް ނޫނެވެ. ސަބަބަކީ ޖެމްކިއުގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރަނީ އޮންލައިން ކަރަންސީއަކަށް ވުމާއި އެ ސްކީމަކީ ފްރީ ޑޮމައިންތަކުގައި ރަޖިސްޓްރީކޮށް ހިންގާ ސްކީމެއް ކަމަށްވުމުންނެވެ.

އެނގިފައިވާ ގޮތުގައި ޖެމްކިއު ހުއްޓާލައި އެ މީހުން ވަނީ އާ ޕޮންޒީ ސްކީމެއް ޕްރޮމޯޓްކުރަން ފަށައިފައެވެ. އަލަށް ފެށި "ކުއަންޓް ޕޭކް" ގައިވެސް އިސްކޮށް ހުރީ ޖެމްކިއުގައި ވެސް އިސްކޮށް އުޅުނު "ޝަހޭ މަދު" ކިޔާ މީހާ މީހެކެވެ.

ޖެމްކިއު ސްކީމަކީ، މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ޕިރަމިޑް ސްކީމެކެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދައްކާ ސްކީމެކެވެ. އެ ސްކީމަށް ދިވެހީންގެ ތެރެއިން 41000-47000 އާ ދެމެދުގެ އަދަދެއްގެ ދިވެހިން ފައިސާ ޖަމާކުރަމުންދާކަން ޖެމްކިއުގެ ރަސްމީ ޓެލެގްރާމް ގްރޫޕުން ސާފުވެއެވެ. ބައެއް މީހުން ވަނީ މިލިއަނުން އެ ސްކީމަށް އިންވެސްޓްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ ގޮތުން ޖެމްކިއު ފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ވާނީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ޖެމްކިއުއަކީ އެފަދަ ހުއްދައަކާ ނުލައި ހިންގަމުންދާ ޕިރަމިޑް ސްކީމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޖީއެމްސީއީ ހުއްޓާލި އިރު، އެފަދަ އެތައް ޕިރަމިޑް ސްކީމެއް ރާއްޖޭގައި އެބަ ގެންގުޅެއެވެ. އެފަދަ ބައެއް ސްކީމްތައް ވަނީ ޖީއެމްސީއާއެކު ހުއްޓާލައިފައެވެ.