ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ހައްޔަރުކުރި ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) އަދި އޭނާގެ އަންހެނުން އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ)، ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ބުނެފައިވަނީ، އެ މީހުން މިދިޔަ މަހުގެ އެކި ދުވަސް މަތީން ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލައެއް މޭ މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖޫން މަހުގެ 17 ވަނަ ދުވަހު އެ ދެ މީހުން ހައްޔަރުކޮށްފައިވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު ބުނީ ޖޫން މަހުގެ 17 ވަނަ ދުވަހު އެ ދެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިހާރު މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގުގައި، އިތުރަށް ބެލިބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އެކި ފިހާރަތަކުށް، ބޭންކު ޓްރާންސްފާ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"އަދި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން މުހައްމަދު ހާޝިމް ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުން ހުރި މި ތަކެތި ފެނިފައިވެއެވެ" ފުލުހުން ބުންޏެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ