ވިއެޓްނާމުގައި ފަތުރުވެރީން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި 34 މީހަކު މަރުވެއްޖެއެވެ.

ވިއެޓްނާމުގެ ހަލޯންގް ބޭ ސަރަހައްދުގައި އިއްޔެ ހިނގި އެ ހާދިސާގައި ފަތުރުވެރީން ދަތުރުކުރި އެ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި މިހާތަނަށް 34 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 11 މީހަކު ސަލާމަތްކުރެވިފައި ވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ވީއެން އެކްސްޕްރެސް ނަމަކަށް ކިޔާ އެ ބޯޓުން ޖުމުލަ 53 މީހުން ދަތުރުކުރި ކަމަށް އޮފިޝަލުން ބުނާއިރު އަދި ނުފެންނަ 8 މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެެވެ.

މި ބޯޓުން 48 ފަތުރުވެރީންނާއި 5 ފަޅުވެރީން ދަތުރުކުރިއިރު، އެއީ ކޮން ގައުމުތަކެއްގެ މީހުންކަމެއް އަދި އާންމުކޮށްފައި ނުވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ބޯޓު ބަންޑުން ޖަހާފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެ ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގައި ވިއެޓްނާމްގެ ނޭވީ އާއި ބޯޑަރު ގާޑުންގެ އިތުރުން ފުލުހުންނާއި ޕޯޓުގެ ހާއްސަ ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ރެސްކިއު ޓީމުތަކަށް އެހީތެރިވުމަށް އާންމުންގެ 27 ބޯޓެއް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ވިއެޓްނާމުގެ ހަލޯންގް ބޭ އަކީ ފަތުރުވެރީންގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ. 1600 ޖަޒީރާ ރަށް ހިމެނޭ އެ ސަރަހައްދަކީ ޔުނެސްކޯގެ ހެރިޓޭޖު ލިސްޓުގައި ހިމަނާފައިވާ ސަރަހައްދެކެވެ.