ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ މޭޖާ މަސައްކަތެއް ކުރުމަށްޓަކައި ނިއްވާލުމަށްފަހު މާލެ އާއި ހުޅުމާލެއަށް އަލުން ކަރަންޓު ދީފިއެވެ.
ސްޓެލްކޯއިން ރޭ ނެރުނު ނޫސްްބަޔާނެއްގައި ބުނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް، މިއަދު ހެނދުނު 6:00 އިން 10:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމައި އިންޖީނުތައް ލޯޑަށްލެވި މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.
"މިއާއެކު ލޯޑް ޝެޑްކުރުން ހުއްޓާލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް މި ކުންފުންޏަށް ލިބެމުން އަންނަ އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވަން. އަދި މީގެ ސަބަބުން ދިމާވި ދަތިތަކަށް މަޢާފަށް އެދެން." ސްޓެލްކޯއިން ބުނެފައިވެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިއަދު ވިދާޅުވީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖާ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ވަނީ ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާ ކަމަށެވެ.
އެ މަސައްކަތް ނިމޭނެ ކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 ގެ ކުރިން މި މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިމިވަނީ ސްޓެލްކޯގެ ހިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ހީވާގި ކަމާއި ގާބިލު ކަމުގެ ސަބަބުން ކަމަށެވެ.
"މީގެ އިތުރުން މަސައްކަތުގެ އަހުލާގާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ގައުމަށް ހިދުމަތްކުރުމުގެ މަތިވެރި ރޫހު އެމުވައްޒަފުން ކިބައިގައި ހުރުމުން. އެހެންކަމުން މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވަން." ފަހުމީ ވިދާޅުވި އެވެ.
މިއަދު ކުރިއަށް ގެންދިޔަ މަސައްކަތްތަކަކީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު