ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ހދ. ނޮޅިވަރަންފަރުގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރަކީ މިއަދު ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފެށި ފަސްވަނަ ރަށެވެ.

ނޮޅިވަރަންފަރުގެ ކުރީން ހދ. އަތޮޅުން ހަނިމާދޫ، ނައިވާދޫ، ނޮޅިވަރަން އަދި ނެއްލައިދޫގައިވެސް ވަނީ އެ ހިދުމަތް ފަށައިފަައެވެ.

ނޮޅިވަރަންފަރުގައި ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފްސާވިސް ބޭންކިން ސެންޓަރު، 208 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.