ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ފާޑުކިޔައި "ހޫނުފެނަށް" ވައްޓާލައިފިއެވެ.

މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލު" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލަކީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.

މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" ބޭފުޅެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލުބައިންދަންވީ. އުލުބައިންދަންވީ އިނގޭތޯ ރައީސް. ސީދާ އުލުބައިންދަންވީ އެގޮތަށް މަސައްކަތްކުރާ ބޭފުޅުން،" ފަލާހު ވިދާޅުވިއެވެ.

ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.

ފަލާހުގެ އެ ވާހަކަތައް ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނީ، ފަލާހުގެ ވާހަކަތަކަކީ، ނޫސްވެރިންނާއި މީޑިއާތަކަށް ބިރު ދައްކައި އިންޒާރުދީ އެ މީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރުދީ ދެއްކި ވާހަކަތަކެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

"އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑުގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް އޭނާ ގޮވާލައްވާފައިވާތީ ވެރިކަންކުރާ ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް މި ޖަމިއްޔާއިން ގޮވާލަމެވެ..،" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން އިތުރަށް ބުނީ، އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކާ މެދު ފަލާހު މައާފަށް އެދުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

"މީޑީއާ ކޮންޓްރޯލްކުރާ ބިލް"އާ ދެކޮޅަށް ނޫސްވެރިން މިއަދު ވަނީ ރައީސް އޮފީހާއި މުލިޔާގެއާއި މަޖިލިސް އިދާރާ ދޮށުގައި މުޒާހަރާވެސް ކޮށްފައެވެ.