ލަންކާގެ އެންމެ ނުރައްކާތެރި ކުއްވެރިޔާ އިންޑޮނޭޝިއާ އިން ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ އެންމެ ނުރައްކާތެރި ކުއްވެރިޔާ އަދި އެގައުމުން ހައްޔަރުކުރުމަށް ހޯދަމުން އަންނަ މީހާ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފައިވާއިރު އޭނާ ލަންކާ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑޮނޭޝިއާއިން ހައްޔަރުކޮށްފައިވަނީ ލަންކާގެ މަންޑިނޫ ޕަޑްމާސިރީ ޕެރޭރާ ނަމަކަށް ކިޔާ މީހެކެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީ އިން ބުނީ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފައިވާ އެމީހާ ހައްޔަރުކޮށްފައިވަނީ އެގައުމުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

އެ އޮޕަރޭޝަންގައި ލަންކާއަށް ނިސްބަތްވާ ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެމީހުންނަކީ މީހުން މެރުމާއި ޑްރަގު ޓްރެފިކިންގެ މައްސަލަތަކަކާ ގުޅުން ހުރި ބައެއް ކަމަށް އިންޑޮނޭޝިއާ ފުލުހުން ބުނެއެވެ.

އިންޑޮނޭޝިއާގެ ފުލުހުންނާއި އިންޑިއާ އަދި ލަންކާ ފުލުހުން ގުޅިގެން ހިންގި އެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ފަސް ފިރިހެނުންނާއި އަންހެނަކު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ހަމީހުން ހައްޔަރުކުރުމުގެ އަމުރެއް އިންޓަޕޯލް އިން ނެރެފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.