ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ އިންގްލެންޑުން ކުޅުނު މެޗުގައި ސާބިއާ ކައިރިން ބޮޑު މޮޅެއް ހޯދި އިރު، ފްރާންސުން އައިލޭންޑް ބަލިކޮށްފިއެވެ.
ސާބިއާގައި ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން މިހާތަނަށް ކުޅުނު ކޮލިފިކޭޝަން ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓް ހޯދާފައިވާ އިރު، ރޭގެ މޮޅަކީ އާ ކޯޗު ތޯމަސް ޓުޗެލް ހަވާލުވިފަހުން އެޓީމުން ހޯދި އެންމެ ބޮޑު މޮޅެވެ.
ރޭގެ މޮޅާއެކު ވޯލްޑް ކަޕް 2026 އަށް ކޮލިފައިވާން އިންގްލެންޑަށް ދެން ބޭނުންވަނީ ފަސް ޕޮއިންޓެވެ. އެއީ ތިން މެޗުންނެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އިންގްލެންޑުން ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، 33 ވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. އެ ގޯލު ޖެހީ، ގައުމީ ޓީމަށް 74 ގޯލު ހަމަކުރި ހެރީ ކޭންއެވެ.
އޭގެ ދެމިނެޓް ފަހުން އާސެނަލްގެ ނޮނީ މަޑުއޭކޭ އިންގްލެންޑަށް ލީޑު ފުޅާކޮށްދިން އިރު، ސާބިއާގެ ސަޕޯޓަރުން ލޭޒާ އަޅުވައިގެން މެޗު ވަގުތު ކޮޅަކަށް ހުއްޓާލަން ޖެހުނެވެ.
ދެވަނަ ހާފަށް ނުކުމެ، އެރިކް ކޮންސާއާއި މާކް ގުއޭހީ އިތުރު ގޯލުތައް ޖެހި އިރު، އިންގްލެންޑްގެ ފަސްވަނަ ގޯލަކީ މާކަސް ރަޝްފޯޑު ޖެހި ޕެނަލްޓީންނެވެ.
ފްރާންސުން ކޮލިފިކޭޝަންގައި މިހާތަނަށް ކުޅުނު ދެވަނަ މެޗުން ރޭ މޮޅުވީ އައިސްލޭންޑް ކައިރިން 2-1 އިންނެވެ. ފުރަތަމަ ހާފުގައި އަންދްރީ ގުޑްޖޯންސެން އައިލޭންޑަށް ލީޑު ނަގައިދިން އިރު، ހާފު ނިމެން ދަނިކޮށް ފްރާންސްގެ ކިލިއަން އެމްބާޕޭ ވަނީ ޕެނަލްޓީއަކުން މެޗު އެއްވަރުކޮށްފައެވެ.
އެ ގޯލާއެކު އޭނާ ވެފައި ވަނީ ފްރާންސް ގައުމީ ޓީމަށް ދެވަނައަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. ކުރިން 51 ގޯލާއެކު ތިއެރީ އޮންރީގެ ރެކޯޑާ އެމްބާޕޭ އެއްވަރުކޮށްފައި އޮތް އިރު، ރޭ ޖެހި ގޯލުން އޭނާ ވަނީ އޮންރީގެ ކުރިއަށް ޖެހިލައިފައެވެ.
ފްރާންސް މޮޅުކޮށްދިން ގޯލު ރޭގެ މެޗުގައި ޖެހީ ބްރެޑްލީ ބާކޯލާއެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން