ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މަސައްކަތުގަޑީގައި، ރަސްމީ ހެދުމުގައި ނޫންގޮތަކަށް މަޖިލީހަށް އަންނަ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރެއް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ދެއްވައިފިއެވެ.

ވަޒީރުންނާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތާ ހިލާފަށް، މަޖިލީހުގެ ރައީސް އަމަލުކުރައްވާ ކަމަށް ތުހުމަތުކުރައްވައި، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން، އިދިކޮޅު އެމްޑީޕީގެ ތިން މެންބަރަކު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ ޓައީ ނާޅުއްވައެވެ.

އެ މެންބަރުންނަކީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެކަން ފާހަގަކޮށް، މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައިސް ވިދާޅުވީ، ރަސްމީ މަސައްކަތުގެ ގަޑީގައި، ރަސްމީ ހެދުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެެވެ.

ރަސްމީ ހެދުންކޮޅަކީ، ޓައީ ހިމެނޭހެން ރަސްމީ ހެދުންކޮޅުކަންވެސް މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ އިއްޒަތާއި ގަދަރާއި ކަރާމާތް ދެމެހެއްޓުމަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެހެންކަމުން ހުރިހާ މެންބަރުން ރަސްމީކޮށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިހާތަަނަށް މަޖިލީހުގައި އަމަލު ކުރަމުން އަންނަ އުސޫލަކީ އެއީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޖަލްސާގެ ފުރަތަމަ ދަންފަޅި ނިމި ޖަލްސާގެ ދެވަނަ ދަންފަޅިއަށްވެސް އެ މެންބަރުން ވަޑައިގެންނެވީ ޓައީ ނާޅުއްވައެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ހެދުންތުރުކުރެއްވުމަށް ކަނޑައެޅިގެން ލިޔެވިފައިވާ ވަކި އުސޫލެއް ނެތް ކަމުގައިވީ ނަމަވެސް، މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު މެންބަރުން ރަސްމީކޮށް ހެދުން ތުރުކުރެއްވުމަކީ ޒަމާނުން ފެށިގެން އަމަލުކުރަމުން އައިސްފައިވާ އުސޫލު ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ ފުރަތަމަ ބަލާނީ މަޖިލީހުގެ ނިންމުންތަކުންނާއި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކަށް ކަމުގައި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެފަދައިން އަމަލުކުރާ އުސޫލަކީ މަޖިލީހުގެ ގަވާއިދުގެ ބައެއް ކަމުގައި ވެސް ވަނީ ބަޔާންކޮށްފަ. އަދި މި ދެންނެވި އުސޫލަށް ބިނާކޮށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިގަންނަވާއިރު ހެދުން ތުރުކުރެއްވުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ އުސޫލަށް ވެސް ދަނީ އަމަލުކުރަމުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ވީމާ، މަޖިލީހުގެ ޖަލްސާއަށް އިއްޒަތްތެރި މެންބަރުން ވަޑައިގަންނަވާއިރު ހެދުން ތުރުކުރެއްވުމުގައި އަމަލުކުރަމުން އައިސްފައިވާ އުސޫލާ މީގެ ފަހުން އިއްޒަތްތެރި މެންބަރުން ހިލާފުވެވަޑައިގެންފިނަމަ އެކަމުގައި ރިޔާސަތުން ގޮތެއް ނިންމަންޖެހޭނެ ވާހަކަ ދަންނަވަން. އެއީ މަޖިލީހުގެ ގަވާއިދުގެ ބައެއް އަޅުގަނޑު ކުރިން ދެންނެވިހެން ރަސްމީކޮށް ހެދުން އަޅައިގެން ވަޑައިގަތުމަކީ. އެހެންވީމާ، ގަވާއިދާ ހިލާފުވީމާ ދެން ރިޔާސަތުން އަމަލުކުރަންޖެހޭ ގޮތަކަށް މީގެ ފަހުން އަމަލުކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،"

އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު މެންބަރުން ހެދުން ތުރުކުރައްވާނެ އުސޫލު ލިޔުމަށް ތިރިކުރުމަށްޓަކައި އެ މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.