ގާނޫނުގައި ބުނާ އަދަދަށް، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގައި މީހުން ހަމަނުވާކަމަށް، 2022 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަކީ ގާނޫނުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެމްއެލްއެސްޑީޕީ އަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން 20 ޖެނުއަރީ 2019 ގައި އީސީގައި ރަޖިސްޓްރީކުރި ސިޔާސީ ޕާޓީއެކެވެ.
ނަމަވެސް ގާނޫނުގައި ބުނާގޮތުގެމަތިން އީސީން ބެލި ބެލުމުން ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ކަމަށްބުނެ، ނޯޓިސްދިނުމަށް އެ ޕާޓީ އުވާލަން 30 ޖޫން 2022 ގައި އީސީން ނިންމިއެވެ. އެއަށްފަހު 15 މާޗް 2023 ގައި އެ ޕާޓީ އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުންވެސް އެ ޕާޓީ އުނިކުރިއެވެ.
އެ މައްސަލައާ ގުޅިގެން ޕާޓީގެ ފަރާތުން އީސީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
އެ ދައުވާގައި ބުނެފައިވަނީ މިއީ އެމްއެލްއެސްޑީޕީގެ މެންބަރުންގެ އަދަދު 13 މާޗް 2022 ގައި އީސީން ކަށަވަރުކުރި އިރު، މެންބަރުންގެ އަދަދު 3،000 އިން 2،715 އަށް ވެއްޓިފައިވާކަމަށް ބަޔާންކޮށް، 3،000 ހަމަކުރުމަށްޓަކައި 14 މާޗް 2022 އިން ފެށިގެން ތިންމަސްދުވަހުގެ ނޯޓިސް ދިނުމަށްޓަކައި ފޮނުވި ސިޓީއާ ގުޅިގެން 14 ޖޫން 2022 ގެ ނިޔަލަށް އެ ޕާޓީން ހުށަހެޅި އާ 376 މެންބާޝިޕް ފޯމުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ރިޖެކްޓް ކޮށްފައިވާ 35 ފޯމު ފިޔަވައި އެހެން ފޯމުތައް ބަލައިގަނެ ޕްރޮސެސްކޮށްފައިވާ 341 ފޯމާއެކު އެ ޕާޓީގެ މެންބަރުންގެ އަދަދު 3،056 އަށް އެރި ކަމަށެވެ.
ނަމަވެސް 14 ޖޫން 2022 އާ ހަމައަށް އެ ޕާޓީއަށް ނޭނގި އެ ޕާޓީން ވަކިވާން އެދިފައިވާ ބައެއްގެ ފޯމުތައް ޕްރޮސެސްކުރުމުން، މެންބަރުން ހަމަކުރުމަށް ދިން ސުންގަޑި ހަމަވިއިރު ދެ މެންބަރުން މަދުވާ ކަމަށްބުނެ، ގާނޫނުގައި ބަޔާންކުރާގޮތަށް މެންބަރުން ހަމަކުރުމަށް މުއްދަތު ނުދީ 30 ޖޫން 2022 ގައި ޕާޓީ އުވާލުމަށް އީސީން ނިންމީ ކަމަށެވެ.
އެހެންކަމުން އީސީގެ މި ނިންމުމަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށާއި، އެ ނިންމުން ބާތިލުކޮށްދިނުމަށާއި، ރިޖެކްޓް ކޮށްފައިވާ ފޯމުތަކުގެ ތެރެއިން އައިޑީކާޑު ނުސާފު ކަމަށްބުނެ ރިޖެކްޓް ކޮށްފައިވާ ފޯމުތައް، ރިޖެކްޓް ކޮށްފައިވަނީ ގާނޫނާހިލާފަށް ކަމަށާއި، އެމްއެލްއެސްޑީޕީއަކީ އީސީން 17 މާޗް 2022 ގައި ދިން ނޯޓިސްއާ އެއްގޮތަށް 3،000 މެންބަރުން ހަަމަކޮށްފައިވާ ޕާޓީއެއްކަމަށް ކަނޑައަޅައިދިނުމަށް އެ ޕާޓީން 1 ސެޕްޓެމްބަރު 2022 ގައި ހުށަހެޅި ޖުޑިޝަލް ރިވިއުގެ މި ދައުވާގައިވެއެވެ.
ނަމަވެސް ކޯޓުގައި މި ދައުވާ ހިނގަމުން ދަނިކޮށް 15 މާޗް 2023 ގައި އީސީން އެ ޕާޓީ އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރިއިރުވެސް، ޕާޓީ އުވާލުން މަޑުޖަައްސާލުން ފަދަ ވަގުތީ އަމުރަކަށް ކޯޓުގައި އެ ފަރާތުން އެދިފައެއް ނުވެއެވެ.
އޭގެ އިތުރުން ޕާޓީން ހުށަހަޅަންޖެހޭ ފަހު ބަޔާންވެސް ކޯޓަށް ހުށަހަޅާފައި ނުވުމާއި، އެ މައްސަަލައާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް 30 އޭޕްރީލް 2023 ގައި އެ ޕާޓީއަށް ފޮނުވި ކޯޓު އަމުރާ ހަވާލުވެ، އެ ޕާޓީގެ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވުމުން އެ މައްސަލައިގެ ދައުވާ ފޯމު 30 އޭޕްރީލް 2023 ގައި ބާތިލުކޮށް ސިވިލްކޯޓުން އެ މައްސަލަ ނިންމިއެވެ.
ނަމަވެސް އޭގެ ފަހުން، ސިވިލްކޯޓުން މައްސަލަ ބާތިލުކުރިގޮތާއި، އީސީން އެމްއެލްއެސްޑީޕީ އުވާލި މައްސަލައިގައި އެ ޕާޓީގެ ފަރާތުން އަލުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ކުރީ 5 ޖުލައި 2023 ގައެވެ.
ސިވިލްކޯޓުން މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ އިއްޔެއެވެ.
ހުކުމަށް ވާސިލުވަމުން، ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، ޕާޓީތަކުގެ މެންބަރުންގެ އަދަދު 3،000 އަށް ހަމަވޭތޯ ކޮންމެ ހަ މަހަކުން އެއްފަހަރު އީސީން ކަށަވަރުކުރަންވާނެ ކަަމަށާއި އެއްވެސް ޕާޓީއެއްގައި 3،000 މެންބަރުން ހަމަނުވާކަމަށް ފާހަކުރެވިއްޖެނަމަ، 3،000 މެންބަރުން ހަމަކުރުމަށް ތިންމަސްދުވަހުގެ ނޯޓިހެއް ދޭންޖެހޭނެކަމަށް ގާނޫނުގައި އޮންނަ އޮތުން، އީސީން މާނަކުރަނީ، ނޯޓިސް ދޭއިރު 3،000 މެންބަރުން ހަމަނުވާނަމަ، އެ އަދަދު ހަމަވުމަށް ބޭނުންވާ އަދަދު، ނުވަތަ މަދުވާ މެންބަރުން ޕާޓީއަށް ވެއްދުމުގެ ބަދަލުގައި، ނޯޓިހުގެ މުއްދަތުގައި އެކި ސަބަބުތަކާ ހުރެ ޕާޓީގެ ދަފްތަރުން އުނިކުރެވޭ މެންބަރުންވެސް ހިމަނައިގެން އަދަދުތައް ހަމަޖައްސައި ނޯޓިސްގެ ތިންމަސްދުވަހުގެ މުއްދަތު ނިމޭއިރު 3،000 މެންބަރުން ހަމަވެފައި އޮތުން ކަމަށެެވެ.
ނަމަވެސް އެ މާނަކުރުމަކީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހެދިފައިވާ (ސިޔާސީ ޕާޓީތަކުގެ ގަވާއިދު)ގެ އެއްވެސް މާއްދާއެއްގައި، ނުވަތަ އިލެކްޝަންސް ކޮމިޝަނުން ހަދައި އާާއްމުކޮށްފައިވާ، އުސޫލެއްގެ ދަށުން އެފަދަ މާނަކުރުމެއް ނުވަތަ އީސީން ފާހަގަކުރާފަދައިން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގެ ދަށުން ދޭ ނޯޓިހާމެދު އަަމަލު ކުރެވޭނެކަމަށް ބަޔާންވެ އޮވެގެންތޯ މި މައްސަލައިގެ ޝަރިއަތުގެ ފަހު އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނާ ސުވާލު ކުރިއެވެ.
ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީތަކުގެ ގަވާއިދު އަދި އާއްމުކޮށް ކޮށްފައިވާ އެއްވެސް އުސޫލެއްގައިވެސް އެފަދައިން ބަޔާންވެފައި ނެތް ކަމަށާއި، އެ މާނަކުރުން އެގޮތުގައި އޮތީ މިހާތަނަށް އެ ކޮމިޝަނުން އަމަލު ކުރަމުން އައިސްފައި އޮތުމުގެ ސަބަބުން ކަމަށެވެ.
ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ، ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގަކަށްވާއިރު، މަޖިލީހުން ފާސްކުރާ ގާނޫނަކުން ނޫންގޮތަކަށް އެއިން އެއްވެސް މިންވަރެއް ނުހިފެހެއްޓޭނެ ކަަމަށްވެސް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
އެ ކޯޓުގައި މީގެކުރިން ކުރިއަށްދިޔަ، އެމްއާރުއެމްގެ މައްސަލައަށް ހަވާލާދީ، ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، އީސީން 3،000 މެންބަރުން ހަމަކުރުމަަށް ދިން ތިންމަސް ދުވަހުގެ ނޯޓިހުގެ މުއްދަތުގެ ކުރިން 3،000 މެންބަރުން ހަމަކުރުމުން، ނޯޓިސް ނިމުމަކަށް ގެނައުން ކަމަށެވެ. އަދި ނޯޓީހާ އެއްގޮތަށް 3،000 މެންބަރުން ހަމަ ކުރުމުން ނޯޓިހުގެ މުއްދަތުގެ ތެރޭގައި، 3،000 މެންބަރުން ހަމަކުރަން ބޭނުންވާކަަމށް ބަޔާންކުރާ މެންބަރުންގެ އަދަދު ހަމަކުރުމުގެ އިތުރުން، އެ ނޯޓިސް ދިނުމަށްފަހު، ނޯޓިސްގެ ތިންމަސްދުަހުގެ މުއްދަތުގައި އިތުރު ބަޔަކު ޕާޓީގެ ދަފްތަރުން އުނިވޭތޯ ބެލުމަކީ، ގާނޫނު ފަރުމާވެފައިއޮތްނޫންކަމށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އީސީން ނޯޓިސްގެ މުއްދަތުގައި އެމްއެލްއެސްޑީޕީން 3،000 މެންބަރުން ހަމަކޮށްފައިނުވާ ކަމަށް ކަނޑައަޅައި 17 މާޗް 2022 ގައި އެ ޕާޓީ އުވާލަން ނިންމި ނިންމުމަކީ ގާނޫނީ އިމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ނޫން ކަަމަށް ކޯޓުން ވަނީ އިއްޔެ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު