ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަ ފްލޭން ތައްޔާރު ކުރަން ކޮންސެލްޓެންޓެއް ހޯދުމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ، ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަ ފްލޭން ތައްޔާރު ކުރަން ކޮންސެލްޓެންޓެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 14 ވަނަ ދުވަހުގެ 14:00ގެ ކުރިން އީއޯއީ [email protected] އަށް މެއިލްކޮށް، [email protected] ކޮޕީކުރަން ވާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނީ، މި ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިން މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގުތިސޯދީ ގޮތުން ފުދުންތެރި މާސްޓަ ޕްލޭނެއް އެކުލަވާލުން ކަމަށެވެ. މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެ ކަމަށްވެސް ބުންޏެވެ.

ރަސްމާލެ ތަރައްގީ ކުރަނީ އިކޯ ސިޓީއެއްގެ ގޮތުގައެވެ. ރަސްމާލެ ތަރައްގީކޮށް ދުނިޔޭގައި ބްރޭންޑް ކުރާނީ ވެސް "މޯލްޑިވްސް އިކޯ ސިޓީ" ގެ ގޮތުގައި ކަމަށް ސަރުކާރުން ބުނެފައިވެެއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކާއިރު 1،153 ހެކްޓަރު ހިއްކާނެއެވެ. އެ ބިން ހިއްކަމުން އަންނަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އަދި މެދަށް ތިން މީޓަރުގެ އުސްމިނަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ 11 ސަރަހައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި މޯހަން މުތާ އެކްސްޕޯޓްސްއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ 18 ޑިސެމްބަރު 2023 ގައެވެ.