ރޭ ކުޅުނު ފީފާ ފްރެންޑްލީ މެޗުގައި އިންގްލެންޑުން ފަސޭހަކަމާއެކު ވޭލްސް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ އިންގްލެންޑުން ވޭލްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި އިންގްލެންޑުން ގޯލްތައް ޖަހާފައިވާ އިރު، މިއީ 1987 ވަނަ އަހަރަށްފަހު އެގައުމުން ޓީމެއް ކޮޅަށް ފުރަތަމަ 20 މިނެޓުގައި ތިން ގޯލް ޖެހި ފުރަތަމަ ފަހަރެވެ.

މެޗުގެ 78 ވަނަ ސިކުންތުގައި އިންގްލެންޑުން ފުރަތަމަ ފުރުސަތު ހޯދިއެވެ. އެންތަނީ ގޯޑޮންއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ވޭލްސްގެ ކީޕަރު ކާލް ޑާލޯއެވެ.

އެ ހަމަލާއިން ލިބުނު ކޯނަރުގައި މޯގަން ރޯޖާސް ވަނީ އިންގްލެންޑަށް ލީޑުވެސް ނަގައިދީފައެވެ. ކޯނަރުގައި ޖޯން ސްޓޯންސް ނަގައިދިން ބޯޅަ، މާކް ގުއޭހީ އޭރިއާ ތެރެއަށް ޖައްސާލުމުން ރޯޖާސް ބޯޅަ އަމާޒުކޮށްލީ ތިރީ ކަނަށެވެ.

އޭގެފަހުން 11 ވަނަ މިނެޓުގައި ރޯޖާސްއާ އެއް ކްލަބެއް ކަމަށްވާ އެސްޓަން ވިލާއަށް ކުޅެމުންދާ އޮލީ ވޮޓްކިންސް ވަނީ އިންގްލެންޑަށް ލީޑު ފުޅާ ކޮށްދީފައެވެ. ވޮޓްކިންސް މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ހެރީ ކޭންއަށް ނުކުޅެވޭތީއެވެ.

މެޗުގެ ކުރީކޮޅުގައި ވޭލްސްއަށް އިންގްލެންޑްގެ އެޓޭކް ލައިން ހުއްޓުވުމުގައި މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައި ނުވާ އިރު، 20 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ވަނީ ހިތްގައިމު ގޯލަކާއެކު އިންގްލެންޑަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި ވޭލްސްއިންވެސް ކޮންމެވެސް ވަރަކަށް ނުރައްކާ ކޮށްފައިވެއެވެ. އެގޮތުން ޖޯ ރޮންޑޮންއާއި ޑޭވިޑް ބްރުކްސް އަދި ކްރިސް މެފަމް ފޮނުވާލި ހަމަލާތައްވެސް ހުއްޓުވީ ކީޕަރު ޖޯޑަން ޕިކްފޯޑެވެ.