ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަން ވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހުމަދު ޝައިމް ރިޒާއަށް ލިބިއްޖެއެވެ.

ރަން ވަނަތަކަށް ދިޔަ ތިން ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ބައެއް ވަޒީރުންނެވެ.

ރަން ވަނަ ހޯދި ދަރިވަރުން ރަން ވަނަ ހޯދި ގޮފިތައް:

  • މުޅި މުބާރާތުން ހާފިޒުގެ ގޮފިން، އެއް ވަނަ ހާސިލްކޮށްފައިވަނީ ތަދްރީސުލް ގުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާތިމަތު ޝާޔާ ޒާހިރު
  • މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ހާސލްކޮށްފައިވަނީ މިލަދުންމަޑުުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އާއިޝަތު ޝަބާ
  • މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ހާސިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަހްމަދު ޝައިމް ރިޒާ

މި އަހަރުގެ މުބާރާތަކީ، ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރަތެއްގައި ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެންދިޔަ އަހަރެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ރައީސް ދެއްވާ ހާއްސަ އިނާމުތަކާއި ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕް ހިމެނެއެވެ.

މީގެ އިތުރުން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ އާއި އަދި މޯލްވިސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދޭ އުމްރާ ދަތުރުވެސް ހިމެނެއެވެ.

މުބާރާތުން އެއްވަނަ މުވައްސަސާއަކަށް ހޮވިފައިވަނީ އަލްމަދަރަސުލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ.