ދުނިޔޭ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު އިއުލާނު ކުރައްވައިފިއެވެ.
ތޯރިގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 19 އަހަރަށްފަހު ފީފާ ރައީސަކު ރާއްޖެ ވަޑައިގަތުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އެގޮތުން އިންފަންޓީނޯގެ ދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ކުރިއަރުވައި، ހަރުދަނާ ކުރުމަށް ލިބިގެންދާ ބޮޑު ހިތްވަރަކަށް ކަމަށް ތޯރިގު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ރަމްޒުކޮށްދެނީ އެފްއޭއެމްއާއި ފީފާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
ހަބަރު ލިބިފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ ޕްރައިވެޓް ޖެޓެއްގައެވެ. އެއީ ހުކުރު ދުވަހު ހެނދުނުއެވެ. އަދި އެ ދުވަހު ހަވީރު އޭނާ ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިންފަންޓީނޯގެ ދަތުރުގެ ތެރެއިން ރާއްޖޭގެ ފުޓުބޯޅައިގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާނެ ކަމަށްވެސް "ވަން ސްޕޯޓްސް"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރާއްޖޭގެ ފުޓުބޯޅަ ހާލަތު ދަށަށް ގޮސް، އެފްއޭއެމްގެ އިދާރާ ހިންގުން ބޮއްސުންލައިގެން ދިއުމުން އެކަން ހައްލުކުރުމަށް މިދިޔަ އަހަރު ފީފާއިން ކުރި މަސައްކަތްތަކަށްފަހު މިހާރު އޮތީ އާ އެކްސްކޯއެކެވެ. އެ އެކްސްކޯގެ މަސައްކަތަށް ދާދިފަހުން އިންފަންޓީނޯ ވަނީ ތައުރީފު ކުރައްވައިފައެވެ.
މިއީ ފީފާ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރު ސެޕް ބްލެޓާ ރާއްޖެ ވަޑައިގެންފައިވާ އިރު، އެފަހަރު ކުރެއްވި ދަތުރުފުޅަކީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ
ފީފާ
ފީފާ
ފީފާ