އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް (މޭރީ)ގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރީއަތް ނިމެންދެން އަލުން ބަންދުކުރަން ކުރިިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ލަމްހާގެ ބަންދުގެ މަޖިލީހުގެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ ލަމްހާ ބަންދުގައި ހުރިއިރު ގައިދީންނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. އެހެންކަމުން ލަމްހާ ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައަށް ނުރައްކާ ކުރިމަތިވާނެކަމެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ދައުލަތުން އެފަދަ ތުހުމަތެއް ލަމްހާއަށް ކުރިނަމަވެސް އެކަން ހަގީގަތުގައިވެސް ހިނގިކަމުގެ ހެއްކެއް ދައުލަތަށް ދެއްކިފައިވާ ނުވާ ކަމަށެވެ. އަދި ލަމްހާ ގައިދީންނަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަން ދައުލަތުގެ ފަރާތުން ފާހަގަކުރި ނަމަވެސް ފުލުހުން މިހާތަނަށް އައިއިރުވެސް ލަމްހާއާ އެ މައްސަލައިގައި ސުވާލުކޮށްފައިނުވާ ކަމަށެވެ.

އަދި މީގެ ކުރިން މި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު (މިހާރު ސަސްޕެންޑްކޮށްފައިވާ) ވަނީ ލަމްހާގެ ރިސްކު އެސެސްމެންޓެއް ނުވަތަ ލަމްހާގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ރިޕޯޓެއް ހަދަން އަންގައިފައެވެ.

ޝާއިރު ވަނީ އެ ރިޕޯޓު ދައުލަތުން ހުށަނާޅަނީސް ލަމްހާ އަލުން ބަންްދުން ކުރުމަށް ދެކޮޅު ހަދައިފައެވެ.

ނަމަވެސް މިހާރު މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް ޒިހުނީ ވިދާޅުވީ ދައުލަތުން ލަމްހާއަށް ކުރާ ދައުވާ ބަދަލަށް އައިސްފައިނުވާ ކަމަށާއި އޭނާ ހައްޔަރުކުރި ހާލަތަށްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ލަމްހާއާ ދެކޮޅަށް އޭނާއަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމުގެ ހެކި ހުރިކަމަށް ދިފާއުގެ ފަރާތުން އިންކާރުނުކުރާ ކަމަށެވެ. އެހެންވެ ކުށުގައި ލަމްހާގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު އެ ހާލަތަށް ބަދަލަށް އައިސްފައިނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ލަމްހާ ރިސްކު އެސެސެމްޓު ހެދުމާއި މި މައްސަލަ ތަހުގީގުކުރި އައިއޯގެ ބަހެއް ހޯދަން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެހެންވެ ޝަރީއަތުން މި މައްސަލައިގައި ގޮތެއް ނިންމަންދެން ލަމްހާ ބަންދުކުރުމަށް އަމުރުކުރާކަމަށް ގާޒީ ވިދާޅުވިއެވެ.

މައްސަލައިގެ ފަސްފަހަތް

ކުރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގައެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޮވެމްބަރު މަހުގެ 14 ގައެވެ. އެ އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ ނޮވެމްބަރު މަހުގެ 21 ގައެވެ. ހައިކޯޓުގެ ރަޖިސްޓާގެ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ދައުލަތުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނުވައެއްގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 2024 ޑިސެމްބަރު 15 ވަނަ ދުވަހު ނިންމާފައިވަނީ ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ބަލައިނުގަތުމަށެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައި ވަނީ މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް އަދި ހައްގުތަކެއް ގެއްލި އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމަކުން އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގާނޫނު ހުއްދަކުރާ މިންގަނޑަށް ވާސިލު ނުވެވޭނެ ކަމަށެވެ. އެފަދައިން ބުނާ ކަމުގައިވަނީ ނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތުން ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައިވަނީ މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ރިއާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް އަދި ހައްގުތަކެއް ގެއްލި އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމަކުން އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގާނޫނު ހުއްދަކުރާ މިންގަނޑަށް ވާސިލު ނުވެވޭނެ ކަމަށެވެ. އެފަދައިން ބުނާ ކަމުގައިވަނީ ނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތުން ސާފުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވާ އިސްތިއުނާފީ މައްސަލައިގައި އެކަން ސާފުކޮށް ބަޔާންކޮށްދީފައިނުވާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. އެހެންވެ މައްސަލަ ކޯޓަށް ބަލައިގަންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމެވިއެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު ނިޔާޒުގެއެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވީ ޝަރީއަތް ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށާއި ޝަރީއަތް ލަސްވާ އެތައް ސަބަބުތަކެއް ހިމެނޭއިރު އެކަންކަމަށް ފަރުވާއެއް ދިނުމުގެ ބަދަލުގައި ބަންދުގައި ހުންނަ މީހެއް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އެ ނިންމުން ދައުލަތުގެ ފަރާތުން 2024 ޑިސެމްބަރު 16 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުކުމްކުރީ ލަމްހާ، ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ.

ލަމްހާގެ ބަންދު މުރާޖާއާ ކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ލަމްހާ އަލުން ބަންދުކުރުމަށް އެދިފައެވެ.

ނަމަވެސް ގާޒީ ފާއިޒް ނިންމެވީ ގޭބަންދުގެ އަމުރުގެ ޝަރުތަކާ ލަމްހާ ހިލާފުވެފައިނުވާތީ އޭނާ އަލުން ބަންދުކުރަން ނުޖެހޭ ކަމަށެެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުމުން ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އަމުރުކުރީ ލަމްހާ، ދެވަނަ ފަހަރަށް ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

އެހެންވެ ދައުލަތުން ވަނީ ލަމްހާ ބަންދުކުރުމަށް އެދި ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ކުރިމިނަލް ކޯޓުގައި އެ މައްސަލައިގައި މިދިޔަ އޮކްޓޫބަރުމަހުގެ އަށްވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ފާއިޒް ވިދާޅުވެފައިވަނީ ލަމްހާގެ ބަންދާމެދު ގޮތެއް ކަނޑައެޅޭނީ ރިސްކް އެސެސްމަންޓަށް ބެލުމަށް ފަހުގައި ކަމަށެވެ.

ގާޒީ ފާއިޒް ވިދާޅުވެފައިވަނީ އެ އެސެސްމަންޓް ހަދަން ދެ ފަހަރަށް އެންގި ނަމަވެސް ދައުލަތުން އެ ފަދަ އެސެސްމެންޓެއް މިހާތަނަށް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ އެ އެސެސްމަންޓް ހަދާފައި ނުވަނީ ބަންދުކޮށްދޭން އެދޭ ހާލަތުގައި އެފަދަ އެެސެސްމަންޓެއް ހެދުމަށް ވަކި އިންތިޒާމުތަކެއް ނުވަތަ އުސޫލުތަކެއް ހަމަޖެހިފައި ނެތުމުން ކަމަށެވެ.

އަޑުއެހުމުގައި ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވެފައިވަނީ އެސެސްމަންޓް ދައުލަތުން ނުހަދައި އޮތީ ލަމްހާގެ ފުށުން ނުރައްކާ އޮތް ކަމަށް ދައުލަތުން ގަބޫލުނުކުރާތީ ކަމަށެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.