ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަށް ސާބިތުކުރަން 80 ހެއްކެއް ހުށަހަޅާނެ ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަހަރުގެ މާޗު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިއަހަރުގެ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
ޝަމްއާންގެ ފަރާތުން އެ ދެ އަމުރުވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ގައެވެ. އެ ދުވަހުގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހުކުމްކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
ޝަމްއާންގެ މައްޗަށް ކުރާ ދައުވާތަކުގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ ދިފާއަށް ހެކި ހަމަކުރަން ދިން ފުރުސަތު މިހާރު ހަމަވެފައިވާ ކަމަށެވެ. އެ މުއްދަތުގައި ދިފާއުންވެސް ދައުލަތުންވެސް އެއްވެސް ހުށަހެޅުމެއް ޝަރީއަތަށް ހުށަހަޅާފައިނުވާކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންވެ މައްސަލަ ކުރިއަށްގެންދަން ނިންމާކަމަށް ގާޒީ ވިދާޅުވިއެވެ.
ޝަމްއާން ބަންދުކޮށްފައި ހުރީ މާފުށި ޖަލުގައިކަމަށްވުމުން މިއަދު ޝަރީއަތް ކުރިއަށްގެންދިޔަ ވަގުތު ގާޒީ ވަނީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ޝަމްއާންގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ސުވާލުކުރައްވައިފައެވެ. ޖަވާބުގައި ޝަމްއާން ވިދާޅުވީ އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ މައްސަލައިގެ ކޮންމެ ހިސާބަކުންވެސް ޝަމްއާން ކޯޓަށް ހާޒިރުވެގެން ޝަރީއަތް ކުރިއަށްގެންދަން ބޭނުންވެގެން އެކަމަށް ހުށަހަޅައިފިނަމަ، އެކަމާމެދު ޝަރީއަތުން ގޮތެއް ނިންމައިދޭނެ ކަމަށެވެ.
އެއަށްފަހު ގާޒީ ވަނީ އިފްތިތާހީ ބަޔާން ހުށަހެޅުމަށް ދައުލަތަށް އަންގައިފައެވެ. އިފުތިތާހީ ބަޔާން ހުށަހަޅައިދެއްވަމުން ދައުލަތުން ވިދާޅުވީ މި މައްސަލައިގެ ހާދިސީ ހިނގިރޭގެ 11:30 އެހާކަންހާއިރު އިމިގްރޭޝަން ކޮންޓްރޯލާ ބިއުރާގެ މުވައްޒަފުންތަކެއް، ރިސްކް ޑިޕާޓްމެންޓަށް އެނގުމެެއްނެތި ބިދޭސީއަކު ދިރިއުޅޭ ގެއަށްގޮސް ރެއިޑު ޖެހި ކަމަށެވެ. ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފުން އެ ރެއިޑު ޖަހާފައިވަނީ ރިސްކު ޑިޕާޓުމެންޓުގެ ހުއްދަނެތި ކަމަށާއި ނަމަވެސް އެ ރެއިޑު ޖަހާފައިވަނީ ޝަމްއާނަށް އެނގުމުގެ ތެރެއިން ކަމަށާއި އެކަން ދައުލަތުން ސާބިތުކޮށްދޭނެ ކަމަށެވެ.
ރެއިޑުގެ ތެރެއިން އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއެއް ކަމަށްވާ މައިނުއްދީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އެ ބިދޭސީ މީހާގެ ސްޕޮންސާގެ ނަމުގައި ސައްހަނޫން ލިޔުމެއް އުފައްދައި މައިނުއްދީން އެ ރޭގެ ދަންވަރު ބަންދުން ދޫކޮށްލާފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި މައިނުއްދީން އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން، ކޮންޓްރޯލާ ބިއުރޯގެ އެ މުވައްޒަފުންނަށް އެންގިކަމަށް ދައުލަތުން ވިދާޅުވިއެވެ. އެ ފައިސާ މައިނުއްދީން އަތުން އަތުލުމަށްފަހު ދެ ދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ނުގޮސްފިނަމަ އިތުރު ދަތިތަކެއް ކުރިމަތިކުރާނެކަމަށް ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފުން، މައިނުއްދީން ކައިރީގައި ބުނިކަމަށް ދައުލަތުން ވިދާޅުވިއެވެ.
ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފުން، މައިނުއްދީން އަތުން އަތުލާފައިވާ 500،000 ރުފިޔާގެ ތެރެއިން 400،000 ރުފިޔ ޝަމްއާން ބަލައިގަނެފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ. އެ 400،000 ފައިސާގެ ތެރެއިން ބައެއް ފައިސާއިން ޝަމްއާން ވަނީ ދެ ސްޓޫޑެންޓު ލޯނަކަށް ފައިސާ ދައްކައި މަނީ ލޯންޑާކޮށްފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ. ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ ސާބިތުކުރަން 80 ހެއްކެއް ހުށަހަޅާނެކަމަށް ދައުލަތުން ވިދާޅުވިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ އެއް ދައުވާއެވެ.
ޝަމްއާންގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ދައުލަތުން ޝަމްއާންގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކުރާ ކަމަށެވެ. އަދި ދައުވާގެ ވާގިއާތަކާއި މުތުލަގުކޮށް މުޅި ދައުވާއަށް ޝަމްއާންގެ ފަރާތުން އިންކާރުކުރާކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. މި މައްސަލައިގެ ތަހުގީގުގައި ޝަމްއާން ވަނީ 17 ސަފުހާގެ ބަޔާނެއް ފުލުހުންނަށް ދީފައި ކަމަށާއި ފުލުހުން އުފެއްދި ކޮންމެ ސުވާލަކަށާއި ފުލުހުންގެ ކޮންމެ ކަންބޮޑުވުމަކަށް ޝަމްއާންގެ ފަރާތުން ޖަވާބު ދީފައިވާނެކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. އަދި ތަހުގީގު މަރުހަލާގައި ހެކި ހުށަހަޅައި ތުހުމަތުން ބަރީއަވި ކަމަށާއި އެކަން ޝަރީއަތަށްވެސް ސާބިތުކޮށްދޭނެކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ނޫރުއްސަލާމް ވިދާޅުވީ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ޝަމްއާން ހުރިއިރު ގަވާއިދާހިލާފަށް އުޅެމުންދިޔަ ބިދޭސީން ޑީޕޯޓުކޮށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ. ޝަމްއާން ހައްޔަރުކުރުމާއެކު އެ ހުރިހާ މަސައްކަތްތަކެއް ގާތްގަނޑަކަށް މަޑުޖެހިފައިވާކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުރެ ބިދޭސީން ޑީޕޯޓުކޮށް ބިދޭސީންގެ ކަންކަން ހައްލުކުރަން މި މައްސަލައިގައި ހައްޔަރުކުރި އަހުމަދު ލައްސާން އިސްކޮށް އުޅުނު ކަމަށެވެ. ދައުލަތުން ލައްސާންގެ މައްޗަށް ކޮށްފައިވާ ފޭރުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
ނޫރުއްސަލާމް ވިދާޅުވީ ދައުވާގައި ބަޔާންކުރާ ރެއިޑު ހިނގިރޭ ލައްސާން ވަނީ ޝަމްއާނަށް ގުޅައި ބިދޭސީއަކު ވަގު ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބިފައިވާކަން އަންގައިފައި ކަމަށެވެ. ނަމަވެސް ޝައްމާން، ލައްސާނަށް އަންގާފައިވަނީ އެ މައުލޫމާތުގެ ސައްހަކަން ބެލުމަށްކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. ޝަމްއާނަށް އެގޮތަށް އެންގި ނަމަވެސް ލައްސާން ވަނީ ރެއިޑުކުރި ގެއަށް ގޮސް ޝަމްއާނަށް ގުޅައިފައި ކަމަށާއި އެ ފޯނު ކޯލުގައި ޝަމްއާން ވަނީ ލައްސާން އެތަނުގައި ހުރީ ކީއްވެގެންތޯ އަހައިފައި ކަމަށެވެ. އަދި ވަނީ އެ ވަގުތު ރެއިޑް ކުރަމުން ދިޔަ ގެއަށް އިމިގްރޭޝަންގެ ރިސްކު ޑިޕާޓްމެންޓް ފޮނުވާފައި ކަމަށެވެ.
ލައްސާން އެތަނަށް ދިޔައީ ޝަމްއާން އަންގައިގެން ނޫން ކަމަށާއި އެއީ ލައްސާން އަމިއްލައަށް އިސް ނަގައިގެން ކުރި ކަމެއްކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. ލައްސާންއަކީ ދައުވާގައި ބަޔާންކުރާ ރެއިޑުގެ ކަންކަން ކުރި ފަރާތްކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. އަދި މިހާރު ފުލުހުންނަށް ވަކި ގޮތަކަށް ބަޔާން ދީގެން ދައުލަތުގެ ހެއްކަކަށް ވެގެން ހުރި ފަރާތެއްކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. ހުރިހާ ކަމެއްގައި އަމަލީ ގޮތުން ބައިވެރިވީ ލައްސާންކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ފުލުހުން ޝަމްއާންގެ ގެ ބަލައިފާސްކޮށް ހޯދި ފައިސާއަކީ ކިހިނެއް ހޯދި ފައިސާކަން ތަހުގީގަށް ކިޔައިދީފައިވާނެ ކަމަށެވެ. އަދި ގެއިން ފެނުނު ޑޮލަރަކީ ޝަމްއާންގެ ދެމަފިރިން ރާއްޖެއިން ބޭރަށް ބޭސްފަރުވާގެ ދަތުރަކަށް ދާތީ ހުރި ޑޮލަރުކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. ޝަމްއާން، ސްޓޫޑެންޓް ލޯނަށް ފައިސާ ދެއްކި ގޮތްވެސް ތަހުގީގަށް ކިޔައިދީފައިވާނެ ކަމަށާއި އެއީ ސައްހަ ގޮތުގައި ހޯދި ފައިސާތަކެއްކަން ތަހުގީގަށް ކިޔައިދީފައިވާނެ ކަމަށެވެ.
ދައުލަތުން ވިދާޅުވާ ގޮތުގައި ރެއިޑުގެ ކަންކަމުގައި އުޅުނީ އެހެން ބައެއް ކަމަށާއި އެ މީހުން ޝަރީއަތުން ނުފެންނަކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބުނެ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، އެ ހެކިން ޝަމްއާންއެކު ބަންދުގައި އެފަހުން ތިބިކަން ނޫރުއްސަލާމް ފާހަގަކުރެއްވިއެވެ. އަދި ފުލުހުން ނޫސް ބަޔާނުންނާއި ޕްރެސް ކޮންފަރެސްތައް ބާއްވައިގެން ޝަމްއާންގެ އަބުރު ނަގާލިއިރު އޭނާ ހުރީ ދިފާއުގައި ބަހެއް ވިދާޅުވެވޭނެ ތަނެއްގައި ނޫން ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
އިފްތިތާހީ ބަޔާނަށްފަހު މި މައްސަލައިގެ ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގައިފައެވެ. އެ ހެކިވެރިއަކީ ޝަމްއާން ކުއްޔަށް ދިރިއުޅޭގެ ކަމަށްވާ ސިލްވާލައިން ގޭގެ ވެރިޔާ ކަމަށްވާ އަބްދުﷲ ސިއާދެވެ. ހެކިބަސް ދެމުން އޭނާ ބުނީ ޝަމްއާންއާއި އޭނާގެ އަނބިކަނބަލުން ދިރިއުޅެނީ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގައި ކަމަށެވެ. އެއީ ތިން އަހަރަށް ހަދައިފައިވާ އެެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަބްދުﷲ ސިއާދު ބުނީ ރެއެއްގެ ފަތިހު ފުލުހުން ގުޅައި ސީސީޓީވީ ފޫޓޭޖެ ބަލަން ބޭނުންވާކަމަށް ބުނި ކަމަށެވެ. ނަމަވެސް އެ ގޭގައި ހުންނަނީ އެމްވީއާރް ކެެމެރާ ސިސްޓަމެއްކަމަށް ހެކިވެރިޔާ ބުންޏެވެ.
ކެމެރާ ފުޓޭޖުގައި ޓައިމްކޯޑު (ތާރީހާއި ގަޑި) ނުހުންނާނެކަމަށް އަބްދުﷲ ސިއާދު ބުންޏެވެ. ކެމެރާ ބެލުމަށް ފުލުހުން އައިސް ބުނީ ދެ މީހަކު ކޮތަޅެއް ހިފައިގެން އަންނާނެ ކަމަށެވެ. ދެ މީހަކު ފެނުމުން ފުލުހުން ބުނީ ތިއީ އެ ހިސާބު ކަމަށެވެ. ފުލުހުން އެ ފުޓޭޖު ގެންދިޔައީ ޕެން ޑްރައިވްއަކަށް އަޅައިގެން ކަމަށާއި ކެމެރާއިން ކޮތަޅެއް ހިފައިގެން މައްޗަށް އަރަނިކޮށް ފެނުނު ދެ މީހުންނަކީ އާންމުކޮށް ގެއަށް އަންނަ ދެ މީހުންކަމަށް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ މީގެ ކުރިން އެހެން މައްސަލައެއްގައި ފުލުހުން ކެމެރާގެ ފުޓޭޖު ބަލަން ބޭނުންވި ކަމަށެވެ. އޭރު ފުލުހުން ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހެއްކެއްގެ ގޮތުގައި ފުޓޭޖު ބޭނުން ނުވެދާނެ ކަމަށާއި ފުޓޭޖު ހޯދަނީ ފުލުހުންގެ ބޭނުމަށް ކަމަށެވެ. ކެމެރާގެ ޓައިމިން ކޯޑު ނަހަދައި ހުރީ އެހެންވެގެންކަމަށް ދިފާއުން ސުވާލުކުރުމުން ހެކިވެރިޔާ ބުންޏެވެ.
ކެމެރާގެ އެކްސެސް އޭނާއަށާއި ގޭގައި ދިރިއުޅޭ ބައެއް މީހުން، ކުރިން ގޭގައި ދިރިއުޅުނު މީހުން އަދި ކެމެރާ އިންސްޓޯލް ކޮށްދިން މީހުންނަށް އޮންނާނެ ކަމަށާއި އެގޮތުން ލައިވް ރިކޯޑިންތަކާއި ރިކޯޑިންތަކަށް އެކްސެސް އޮންނާނެކަމަށް ހެކިވެރިޔާ ބުންޏެވެ. އެހެންވެ ދިފާއުން ވަނީ އެގޮތަށް އެކްސެސް އޮންނަ މީހަކަށް ކުރެވިދާނެ ކަންތައްތައް ސާފުކޮށްދިނުމަށް އެދިފައެވެ.
ހެކިވެރިޔާ ބުނީ ކެމެރާ ނިއްވާލުމާއި، ޔޫޒާ އެކައުންޓް އެޑް ކުރުމާއި ޑިލީޓް ކުރުމާއި ރިކޯޑިންތައް އެޑިޓް ކުރެވިދާނެ ކަމަށެެވެ. ހުރިހާ މީހުންނަށްވެސް ދީފައިވަނީ އެއް ޔޫޒާއާއި އެއް ޕާސްވޯޑެއްކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ޔޫޒަރުން ކެމެރާ ސިސްޓަމަށް އެކްސެސްވުމަށްފަހު ކުރާ ކަންތައްތައް ލޮގްވަމުން ނުދާނެ ކަމަށާއި އެކަން ނުކޮށް ހުރީ ޕީޖީން ހެކީގެ ގޮތުގައި ވީޑިއޯ ފުޓޭޖު ބޭނުންނުވާނެކަމަށް ފުލުހުން އެހެން މައްސަލައަކާ ގުޅިގެން އޭނާ ގާތުގައި ބުނެފައިވަމުން ކަމަށެވެ.
ހެކިވެރިޔާ ބުނީ ރިކޯޑިން ބެކަޕްތައް ހުންނަނީ ހަތް ދުވަހަށް ކަމަށާއި ރިކޯޑެޑް ފައިލްއެއް އެޑިޓް ކޮށްފައިވާނަމަ އެކަން އޭނާއަށް ނޭނގޭ ކަމަށާއި އެކަން އެނގޭނީ ފޮރެންސިކް ތަހުލީލަކުން ކަމަށެވެ. ފުލުހުން، ކެމެެރާ ފުޓޭޖު ބަލަން އައި ދުވަސް ސީދާ ހަނދާނެއް ނެތް ކަމަށާއި ނަމަވެސް ފުލުހަށް ދިން ބަޔާނުގައި ތާރީހު އޮންނާނެކަމަށް ހެކިވެރިޔާ ބުންޏެވެ.
އެއަށްފަހު ހެކިވެރިޔާގެ ހެކިބަސް ނަގައި ވަނީ ނިންމައިފައެވެ. ގާޒީ ވިދާޅުވީ ޝަމްއާނަކީ ބަންދުގައި ހުރި މީހެއްކަމަށްވުމުން ޝަރީއަތް އަވަހަށް ކުރިއަށްގެންދަން ނިންމަން ބޭނުންވާ ކަމަށެވެ. އެހެންވެ މި މައްސަލައިގެ ހެކިބަސް ނެގުމަށް ފަސް އަޑުއެހުމެއް މިމަހުގެ 23 އިން ފެށިގެން އަންނަ ޑިސެމްބަރުމަހުގެ ހަތަރުވަނަ ދުވަހާ ދެމެދު ބާއްވާނެ ކަމަށެވެ. ގާޒީ އެގޮތަށް ނިންމެވީ ދައުލަތުންނާއި ދިފާއުން އެކަމަށް އިއުތިރާޒު ނުކުރުމުންނެވެ.
ޝަމްއާންގެ ވަކީލު ނާޒްލީން ވިދާޅުވީ މީގެކުރިން ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ދައުލަތަށް ޓާސްކެއް ދީފައި ކަމަށެވެ. ޝަމްއާންގެ ބަންދު މުރާޖާއާކުރަން ހުށަހަޅަން ބޭނުންވާތީ އެކަމުގެ އަޕްޑޭޓެއް ބޭނުންވާކަމަށް ނާޒްލީން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ޝަރީއަތުން ދައުލަތާ ހަވާލުކޮށްފައިވަނީ މި މައްސަލައިގެ ހެކިވެރިންނާ ޝަމްއާންއާ އޮތް ގުޅުމާއި އެ ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބަޔާންކޮށް ސިޓީއެއް ހުށަހެޅުމަށް ކަމަށާއި އެ ސިޓީ ޝަރީއަތަށް ލިބިފައިވާ ކަމަށެވެ.
އެ ސިޓީ ދިފާއަށް ހިއްސާކުރަން ދައުލަތުގެ އިޒުނައަށް ގާޒީ އެދުމުން ދައުލަތުން ވިދާޅުވީ އެއީ ހަމައެކަނި ޝަރީއަތުގެ ބޭނުމަށް ހުށަހެޅި ލިޔުމެއް ކަމަށާއި ދިފާއަށް އެ ލިޔުން ހިއްސާ ކުރާނަމަ ބައެެއް މައުލޫމާތު އުނިކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ ގާޒީ އެންގީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މައުލޫމާތު އުނިކުރުމަށްފަހު އަލުން ހުށަހެޅުމަށެވެ.
ޝަމްއާން ވިދާޅުވީ އޭނާއާއެކު މި މައްސަލައިގައި ހައްޔަރުކުރި އެންމެން ބަންދުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި ބަންދުގައި ހުރީ އޭނާ އެކަނިކަން ޝަރީއަތުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ބަންދުގައި ހުންނަން ނުޖެހޭ މީހެއް ބަންދުގައި ނުހުންނާނެ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުން ބަންދުން ދޫކުރަން ފެނުމުން ބަންދުން ދޫކުރާނެ ކަމަށެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް