ގަތަރުގެ ފޮރިން މިނިސްޓަރު އަދި ކެބިނެޓު މެންބަރު، ސުލްތާން ބިން ސާދް ބިން ސުލްތާން އަލްމުރައިހީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ، މިއަދު މެންދުރުފަހު، ރައީސް އޮފީހުގައެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު، ފާއިތުވެދިޔަ އަހަރުތަކުގައި ގަތަރުގެ ސަރުކާރުގެ ދީލަތި އެހީއާއެކު ރާއްޖެއަށް އައިސްފައިވާ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ގަތަރުގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި މިދަތުރުފުޅުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުހަބާ އާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެ އާއި ގަތަރާ ދެމެދުގައިވާ އަހުވަންތަކަމުގެ ގުޅުމަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުން ގަތަރުގެ އެ މިނިސްޓަރު، ތަރައްގީއަށް މަސައްކަތްކުރުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހުރި އިތުރު ފުރުސަތުތައް ދެނެގަތުމަށް، ގަތަރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނޭކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

އަދި ދެ ގައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ކަމުގައިވާ، ހަކަތަ އާއި ތައުލީމާއި ވުނަކުރުމާއި ސަގާފަތާއި ސިއްހީ ފަރުވާ ފަދަ ދާއިރާތަކުން، އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމުގެ މައްޗައް ވެސް މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.