އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް، ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތެއްގައި މަހުލޫފު ވަނީ ޕީއެންސީއާ ގުޅިވަޑައިގަތުމުގެ އިގުރާރު ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްދެއްވައިފައެވެ.

ޕީއެންސީއާ ގުޅިވަޑައިގަތުމުގެ ކުރިން މަހުލޫފް ހުންނެވީ އެމްޑީޕީގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މަހުލޫފް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ އަށްވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ އެ ޕާޓީން އޭނާ ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެ ސިޓީގައި މަހުލޫފް ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ޕާޓީއަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

އަދި މަހުލޫފުގެ އެ ނިންމުމާ މެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގައެވެ.