އާރުއެސްޑަބްލިޔު ފައިނޭންސިން ސްކީމްގެ ތިންވަނަ ފިޔަވައްސަށް، 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލުން އެޕްލިކޭޝަންތައް ބަލައިގަންނަން ފަށައިފިއެވެ.
އެ ސްކީމަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކޮށްފައިވާ އާރުއެސްޑަބްލިޔު ފައިނޭންސިން ސްކީމެކެވެ.
އެސްޑީއެފްސީން ބުނީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކުރެވިފައިވާ އެ ފައިނޭންންސިން އަމާޒުކުރެވިފައިވަނީ މަސްވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރުއެސްޑަބްލިޔު) އާއި، ސޯލާ ޕެނަލް އަދި ޖަނަރޭޓަރު ސެޓް ލުއި ފަސޭހަ ގޮތެއްގައި ފައިނޭންސްކޮށްދިނުމަށް ކަމަށެވެ.
އެއީ ޕްރޮޖެކްޓް ފައިނޭންސިންގެ ގޮތުގައި އައިއެސްޑީބީ އިން އިންސްޓޯލްމަންޓް ސޭލް ފައިނޭންސިން އާއި އެލްއެލްއެފް އިން ދޭ ހިލޭ އެހީ ހިމެނޭހެން ފަރުމާކުރެވިފައިވާ ސްކީމެކެވެ. އެ ސްކީމްގެ ދަށުން ފައިނޭންންސިން ލިބި އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލް ކުރުމުން، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅައި އަނބުރާ ދައްކަންޖެހޭ އަދަދުން އެ އަދަދު އުނިކުރެވޭނެއެވެ. މިއީ މިހާރު މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމުކުރެވޭ ވަސީލަތްތައް ޒަމާނީކުރުމަށް ލިބިގެންވާ ރަނގަޅު ފުރުސަތެއް ކަމަށް އެސްޑީއެފްސީން ބުނެއެވެ.
ފައިނޭންސިން މައުލޫމާތު
- 2,000,000 ރުފިޔާއާ ހަމައަށް ފައިނޭންސިން
- ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން ހަ މަސް ދުވަސް
- ފެސިލިޓީ ދެއްކުމަށް ގިނަވަގެން 10 އަހަރު
- ފާއިދާ ހިސާބުކުރާނީ އަހަރަކަށް ހަ ޕަސަންޓު ރޭޓުގައި
- ރަހުނެއް ބޭނުމެއް ނުވޭ
- އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭ
އެސްޑީއެފްސީން ބުނީ އެ ސްކީމްގެ ތިންވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަތުމަށް އެ ކުންފުނީގެ ވެބްސައިޓް www.smedigital.mv ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ސްކީމާާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށްޓަކައި ހުޅުވާލާފައިވާ އެ ސްކީމުގެ ތެރެއިން، ލޮނުފެނުން މަސްފިނިކުރާ ނިޒާމު ދޯނިފަހަރުގައި ދަނީ ގާއިމު ކުރެވެމުން ކަމަށެވެ.
"ގިނަ އޮޑިދޯނިފަހަރުގައި މި ނިޒާމު ގާއިމުކުރެވެމުންދާކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެއް އަދި މިއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރަން. މީގެ ސަބަބުން އައިސް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެވި، އައިސް ހޯދުމަށް ހިނގަމުންދިޔަ ހަރަދު ކުޑަކުރެވިގެންދާނެ. އަދި ތިންވަނަ ފިޔަވަހި ހުޅުވާލުމާއެކު، އިތުރު މަސްވެރިންނާއި އޮޑިވެރިންނަށް މި ލުއިފަސޭހަ ފުރުސަތުގެ ބޭނުން ހިފުމަށް މަގު ތަނަވަސްވެގެންދާނެ،" ބަދުރުއްދީން ވިދާޅުވިއެވެ.
އެލްއެލްއެފްއާއި އައިއެސްޑީބީގެ އެހީތެރިކަމާއެކު ހިންގާ އެ ޕްރޮޖްކްޓްގެ ދަށުން ދޫކުރެވޭ ފައިނޭންސިން ފެސިލިޓީގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން އުފެއްދޭ ކަރަންޓު ބޭނުންކުރުން އިތުރުކޮށް، މަސްވެރިކަން ކުރުމުގެ ތެރެއިން ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު މަދުކުރުމަށް އިސްކަންދީފައިވެއެވެ.
އެސްޑީއެފްސީން ބުނީ އެ ސްކީމްގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާއަތަކީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި ދެމެހެއްޓެނި ގޮތުގައި ކުރެވޭނޭ މަސައްކަތެއް ކަމުގައި ހެދޭނެ ކަމަށެވެ.
އެ ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 2024 ވަނަ އަހަރު އަދި ދެވަނަ ފިޔަވައްސަށް 2025 އަހަރު ހުޅުވާލައި، މިހާތަނަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިން އެޕްރޫވްކޮށް، މިހާރުވެސް ދަނީ ފައިސާ ދޫކުރަމުންނެވެ.
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން