ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
އެ ފައިސާ ހަވާލުކޮށްފައިވަނީ މިއަދު ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ތޫފާން "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާއެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމް އިން އިސްނަގައިގެން ކުރިއަށްގެންދިޔަ އެ ޓެލެތޯނު ކުރިއަށް ގެންގޮސްފައިވަނީ މި މަހު 30 ވަނަ ދުވަހު ހެނދުނު 9:00 އިން އިއްޔެ މެންދުރުފަހު 2 ޖެހުމާ ހަމައަށެވެ.
އެ ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވަނީ ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
އޭގެ އިތުރުން މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ފައިސާ ހަދިޔާކޮށްފައެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުންވެސް ލަންކާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ލަންކާއަށް އެރި ތޫފާނުގައި އެގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިހާތަނަށް 355 މީހުން މަރުވެ 360 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
އާއިޝަތު މާހާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ