ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމެވެ. އެ ބިލު މަޖިލީހުން ފާސްކުރީ އިއްޔެއެވެ.

ކުރިން ގާނޫނު އޮތް ގޮތުން އަންނަ ބުދަ ދުވަހުގެ ކުރިން އެ ޗާޓަރު އެކުލަވާލައި ފާސްކޮށް އެއަށް އަމަލު ކުރަން ޖެހޭނެއެވެ.

އެ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާ ބިލުގައި ވަނީ، ބިލުގައި މިހާރު އޮތް މުއްދަތު ދެ އަހަރަށް އިތުރުކުރުމަށެވެ. އެހެންކަމުން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ފާސްކޮށް ދެން އަމަލު ކުރަން ޖެހޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކަށެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު (ޕީއެސްއައިޕީ)ގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން އެ ޕްރޮގްރާމުތަކުގެ ފީޒިބިލިޓީ ވަޒަންކޮށް، އެ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އިގުތިސޯދީ އަދި މާލީ މަންފާ އާއި އިޖުތިމާއީ މަންފާގެ އިތުރުން ހަރަދުތަކާއި އެ ޕްރޮގްރާމުތަކުން ލިބިދާނެ ގެއްލުންތައް ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު ފިނޭންސް މިނިސްޓަރު ވަޒަން ކުރަން ޖެހޭނެ ކަމަށް ބުނާ މާއްދާއަށްވެސް، އެ މުއްދަތުގައި އަމަލުކުރަން ނުޖެހޭނެ ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލު މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލު ފާސް ނުކުރަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރުންނެވެ.