ކުއްލި ގޮތަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިއްގެ ވަކިކުރި މ. ސިސްކަން، އަހްމަދު ޝަމާހް ރަޝީދުގެ ކޮރަޕްޝަން މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
އޭސީސީން މިއަދު ބުނީ ޝަމާހުގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ނުބުނެއެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ ހަތަރުމަސް ފަހުން އިއްޔެ، ޝަމާހު އެ މަގާމުން ވަކިކޮށްފައިވާ އިރު، އޭނާ ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފައެއް ނުވެއެވެ.
ޕީސީބީން ހަމައެކަނި ބުނީ، ސްޓެލްކޯގެ އެމްޑީގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން އިއްޔެއިން ފެށިގެން ޝަމާހު ވަކިކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޝަމާހު އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި، ހުސައިން ފަހުމީ ވަކިކުރުމަށްފަހުގައެވެ.
ޝަމާހު އެމްޑީ ކަމުގެ މަގާމުން ވަކި ކުރުމަށްފަހު، ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ވަނީ ހަވާލުކޮށްފައެވެ.
ޝަމާހު، ވަކިކުރެއްވުމަށްފަހު، ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން އަޒްވާރުއާ ހަވާލުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
އަޒްވާރު، ސްޓެލްކޯގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައިވަނީ ސްޓެލްކޯގެ ޕްރޮކިއުމެންޓް ހެޑް، ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު މަގާމުން ދުރުކުރައްވައިފައެވެ.
އަޒްހަދު، ސްޓެލްކޯގެ ވަޒީފާއިން ވަކިކޮށްފައިނުވި ނަމަވެެސް، މަގާމުގެ ހުރިހާ މަސްއޫލިއްޔަތަކުން އޭނާ މިހާރުވަނީ އެކަހެރިކޮށްފައިކަން އެނގިފައިވެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ޝަމާހުކަމަށް ބުނާ މީހެއްގެ އޯޑިއޯ ކްލިޕެއް އިއްޔެ ވަނީ އާންމުވެފައެވެ. އެ ކްލިޕުގައި ސްޓެލްކޯ މެދުވެރިކޮށް ނާޖާއިޒު މަންފާތަކެއް ހޯދާ ވާހަކަ ޝަމާހުކަމަށް ބުނާ މީހާ ދައްކައެވެ.
އަދި ސްޓެލްކޯގައި އޭނާކުރާ ކަންތައް އިނގޭނީ އަޒްހަދުއަށްކަމަށް ޝަމާހުކަމަށް ބުނާ މީހާ ބުނާ އަޑުއިވެއެވެ.
ޝަމާހު ފުރަތަމަ ހުންނެވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަމާހު، އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.
އިބްރާހިމް ޒަކީ
އިޖުތިމާއީ މައްސަލަތައް
އައިފޯން
އިރާން
އިރާން