ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ޑޮލަރު ހުރި ބްރީފްކޭސްއެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ 2025 އޮކްޓޯބަރު 27 ވަނަ ދުވަހު ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު، މީޒާން / ރ. މަޑުއްވަރި، އިސްމާއީލް ސިރްހާން (30އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި މީގެ ކުރިން ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ.

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި ފަހުން ހައްޔަރުކުރި 3 މީހުން --- ފޮޓޯ: ޕޮލިސް

އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު (27އ)، ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު (44އ) ގެ އިތުރުން ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް (21އ) އެވެ. އަދި މާޒިން މޫސާ، 25، ރޭޝަމް / ލ. މާވަށް، އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް / މާލެއިބްރާހީމް އަނޫފް، 24، އަޅިވިލާގެ / ކ. ގުރައިދޫ އަދި ހުސައިން ޝަހުދު، 30، އަޅިވިލާގެ / ކ. ގުރައިދޫއެވެ.

އެ އެންމެންވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. އަދި އެ މައްސަލައިގައި ހަތަރު މީހެއްގެ ފުރުން ވެސް މަނާކޮށްފައެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ސާފެއް ނޫނެވެ.

ޑޮލަރުތައް ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުން --- ފޮޓޯ: ޕޮލިސް

ފުލުހުން ބުނެފައިވާ ގޮތުގައި ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އާ ޓާމިނަލްގައި ޑޮލަރު ކައުންޓަރެއް ހުންނަ އިރު، މި ޑޮލަރުތަކަކީ އެތަނަށް ގެންދިޔަ ޑޮލަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި، އެ މުވައްޒަފުން އަތުން ފައިސާ ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށް ފަހުއެވެ. އެކަން އެ މީހުން ކުރީ އެއާޕޯޓުގެ ސެކިއުރިޓީންވެސް ތިއްބައި ކަމަށް އެނގިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެއެވެ.

މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕާ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މިކަން ވަނީ މުޅީން ކަށަވަރު ނުވެފައެވެ.

ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށްފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލިއެވެ. އެ މީހުންނާއި ލޯންޗު ހޯދައި ފުލުހުންގެ ހައްޔަރަށް އެ މީހުން ގެނައީ ކ. ހުރާއިންނެވެ.