މާދަމާއިން ފެށިގެން ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފައިވަނީ 1988 އިން ފެށިގެން ރޭގަނޑު މާލޭ ވިޔަފާރި ބަނދަރަށް އަންނަ މުދާ އުފުލާ ބޯޓުފަހަރު ބަނދަރަށް ވަނުމަށްޓަކައި ހެނދުނު ވަންދެން މަޑުކުރަންޖެހޭ ގޮތަށް ހަދާފައިވާ އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ.

ޕޯޓް ލިމިޓް ސަރަހައްދަށް 24 ގަޑިއިރު ވަދެނިކުމެވޭގޮތަށް ހަމަޖެހުމާއެކު، ކޮންމެ ވަގުތެއްގައިވެސް އުޅަނދުފަހަރަށް ބަނދަރަށް ވަދެވޭނެ ކަމަށެވެ. މީގެ އިތުރުން، 24 ގަޑިއިރު މެދުނުކެނޑި ޕައިލަޓޭޖް، ސެކިއުރިޓީ މޮނިޓަރިންގް އަދި އައިއެސްޕީއެސް ކްލިއަރެންސްގެ ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ކުރިއެރުމުގެ ސަބަބުން އުޅަނދުފަހަރު މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެގެންދާނެ ކަމަށާއި އަދި މިއީ ވިޔަފާރީގެ ހަލުވިކަން އިތުރުކޮށްދީ، މާލޭ ކޮމާޝަލް ޕޯޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ކަނޑުގެ ދަތުރުފަތުރުގެ މައި ދޮރާށްޓެއްގެ ގޮތުގައި މަގާމު ކަށަވަރުކޮށްދޭ ބަދަލަކަށް ވެގެންދާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ މިއީ 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިގުތިސޯދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލާއެކު ކުރިންވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ހިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑިއިރު ހިނގަމުން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.