ހޯމް ސްކޫލިން ތައާރަފްކުރުމަށް މި އަހަރު ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައިވެސް އަދުލުވެރިކަން ގާއިމުކުރުން ކަމަށެވެ.

"އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމުވެގެން ނުވާނެ. އެގޮތުން ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުން، ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ސިޔާސަތު އޭގެ އެންމެ ފުޅާ ގޮތުގައި ތަންފީޒު ކުރުމުގެ ހާއްސަ މަޝްރޫއެއް މި އަހަރު އިރާދަކުރެއްވިއްޔާ ހިންގަން ފަށާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާފައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ގަވާއިދަކާ އެއްގޮތްވާގޮތުގެ މަތީން އެ ފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތްވޭ ފަހިކޮށްދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމްއަށް ބަދަލު ކުރުމުގެ ފުރުސަތު މި އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތައުލީމަށް ބޭނުންވާ ހުރިހާ ކަންކަން މި އަހަރުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެެވެ.