ކުރީ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހު ވެސް ތިނަދޫ ސިޓީގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުން މަނާކޮށްފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ނިންމައި، މިއަދު ނެރުނު އެންގުމެއްގައި ވަނީ، މިއަހަރުގެ ރަމަޟާން މަހަކީ ވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ހާއްސަ ދުވަސްތަކަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާ ކަމަށެވެ.
އެ މަގުސަދު ހާސިލުކުރުމަށް ވަކި ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ތިނަދޫ ސިޓީގައި ހުރި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާއަތްތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރަމަޟާން މަހުގެ މަގުސަދު ހާސިލުކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހިކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް، ހާއްސަކޮށް ފަރުޟު ނަމާދުތަކުގެ ޖަމާއަތުގެ ވަގުތުތަކާއި، ތަރާވީހް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން، އަދި އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމު ކުރުމަށް ވެސް ވަނީ އަންގައިފައެވެ.
އެ އެންގުމުގައި ވަނީ، ދުވާލުގެ ވަގުތުވެސް، އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމުކޮށް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.
އޭގެ އިތުރުން ކްލަބު ޖަމިއްޔާ، ޖަމާއަތްތަކަށް ނުވަތަ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ހާއްސަކޮށްގެން ތިނަދޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންބިމާއި އިމާރާތްތައް ނޫން ތަންތާނގައިވެސް (ދިރިއުޅުމުގެ ބޭނުން ފަދަ ކަންކަމަށް ދޫކޮށްފައިވާ ތަންތަނުގައި) ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރާކާތްތައް އާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެނޫންގޮތަށް ވިޔަސް ނުބޭއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެންގުމުގައި ވަނީ، ކުޅިވަރާއި މުނިފޫހިފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތްތަކެއް ވިޔަސް، ކޮންމެހެން ހިންގަން ޖެހޭ ހާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާ ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުބޭއްވުމާއި، އަދި ރަމަޟާން މަހާ ގުޅުންހުރި ހަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން، އާންމު ރައްޔިތުންނަށް ބުރަޔަކަށް ނުވާނެހެން، ވަގުތު ދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ހަރަކާތްތައް އިންތިޒާމުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އޭގެ އިތުރުން އޮފީސްތަކުން ދީނީ ހަރަކާތްތައް މުނާސިބު ގޮތެއްގައި އިންތިޒާމު ކުރިކަމުގައިވިޔަސް، އެފަދަ ކަންކަމުގައިވެސް ކަމެއް ދިމާވެއްޖެ ނަމަ އެކަންކަމުގެ މައުލޫމާތު ވީވަރަކުން ދުރާލައި ކައުންސިލާ ހިއްސާކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ކަސްރަތާއި ސިއްހީ ބޭނުންތަކަށް، ހަރަކާތްތެރިވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމަށްޓަކައި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތުތަކުގައި އާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެ ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭ ތަންތަނުގެ މައުލޫމާތު ވަކީން އާއްމުކޮށް އިއުލާނު ކުރެވެމުންދާނެ ކަމަށެވެ.
އަންގާފައިވާ އެންގުމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި، ގަސްތުގައި އެފަދަ އުސޫލުތަކާ ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި އެ ކައުންސިލުގެ އެއްބާރުލުން ނުލިބޭނެ ކަމަށާއި އަދި އެކަންކަމާ ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
އެމްއެމްއޭ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ