އެމެރިކާޔާއި އިޒްރޭލުން މިހާރު އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ނިމޭއިރު ދުނިޔޭގެ އިގްތިސާދީ ނިޒާމު އޮންނާނީ ބަދަލުވެފައެވެ. އެމެރިކާގެ އިގްތިސާދު އޮންނާނީ ވަޅުޖެހިފައެވެ. އެމެރިކާ ޑޮލަރުގެ ރަސްކަން އޮންނާނީ ނިމިފައެވެ. ކީއްވެގެން ބާވައެވެ. އީރާނުން ބޭނުންކުރާ އުކުޅުތަކުގެ ސަބަބުންނެވެ. އީރާނުގެ އުކުޅުތައް ފަރުމާ ކުރެވިފައިވަނީ އިގްތިސާދީ ގޮތުން އެމެރިކާއަށް ވީހާވެސް ބޮޑު ގެއްލުމެއް ދިނުމުގެ މައްޗަށެވެ. ތަފުސީލަށް ޖެހިލާނަމެވެ. އީރާނާ ޖެހިގެން އޮންނަ ހޮރުމުޒް ކަނޑުއޮޅި އީރާނުން އެއޮތީ ބަންދުކޮށްފައެވެ. އެއީ ދުނިޔެއަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް ތޭވީސް އިންސައްތަ ބޭރުވާ މަގެވެ. މިދެންނެވި މަގު ބަންދު ކުރުމުގެ ސަބަބުން މުޅި ދުނިޔެ ތެލަށްޖެހުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ދުއިސައްތަ ޑޮލަރަށްވުރެ މައްޗަށް އުފުލިގެން ހިނގާއްޖެއެވެ. މިހިސާބަށް ދިޔުމުން އީރާނުން ބުނެފިއެވެ. ތެޔޮ ޓޭންކަރުތަކަށް ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލުމަށް އެބަވިސްނަމެވެ.
އެކަމަކު ހުރިހާ ގައުމެއްގެ ހުރިހާ ޓޭންކަރަކަށް ނޫނެވެ. ގަލްފުގެ ކޮންމެ ގައުމަކުން ގަންނަ ޝިޕްމަންޓަކަށްވިޔަސް އެޔަށް އަގު އަދާކުރީ ނުވަތަ ކުރާނީ އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުއާނުން ކަމަށް ވަންޏާ އެބަޔަކަށް ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލާނަމެވެ. މިހިސާބުން އުފެދެނީ ސުވާލެކެވެ. އަގު އަދާކުރަން ލާޒިމު ފައިސާއަކީ ޔުއާންކަމަށް ހަދަން ވިސްނުމުގެ ސަބަބަކީ ކޮބައިހެއްޔެވެ. އީރާނުގެ މަގުސަދު ވަރަށް ސާފެވެ. އެ މަގުސަދަކީ އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވައިލުމެވެ. ޑޮލަރުގެ ރަސްކަން ނިމުމަކަށް ގެނައުމެވެ. އެކަން ކުރުމުގެ ތަޅުދަނޑިއަކީ ތެލާއި ގޭހުގެ ވިޔަފާރި ކުރެވޭ ހަމައެކަނި ފައިސާޔަކީ ޑޮލަރުކަމަށް އޮންނަ އޮތުން ނިމުމަކަށް ގެނައުމެވެ. ދުނިޔޭގައި މިވަގުތު އެންމެ ގިނައިން ތެޔޮ އިމްޕޯޓްކުރާ ގައުމަކީ ޗައިނާއެވެ. ޗައިނާއަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރަނީ ރަޝިޔާއާއި އީރާނުންނެވެ. އެޔަށް އަގު އަދާކުރަނީ ޗައިނާގެ ފައިސާއިންނެވެ. ޔުއާނުންނެވެ. އެކަމަކު ގަލްފުގެ އެހެން ގައުމުތައް ތަފާތެވެ.
އިރާގާއި ކުވޭތާއި ގަތަރާއި ބަހުރޭނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސައޫދީ އަރަބިޔާއިން އެކްސްޕޯޓްކުރާ ތެލާއި ގޭސް އަދިވެސް އަގުކުރަނީ ޑޮލަރުންނެވެ. އަގު އަދާކުރަނީވެސް ޑޮލަރުންނެވެ. ހޮރުމުޒް ކަނޑުއޮޅިއަކީ މިދެންނެވި ގައުމުތަކުގެ ތެލާއި ގޭސް ދުނިޔޭގެ ބާޒާރަށް ނެރޭ މަގެވެ. ޗައިނާގެ ޔުއާނުން އަގުއަދާކުރާ ބަޔަކަށް ކަނޑުއޮޅި ހުޅުވާފައި އެނޫން ބަޔަކަށް ބަންދު ކުރުމަކީ ޑޮލަރުގެ ބަދަލުގައި ޔުއާނުން މިވިޔަފާރި ހިންގަން ގަލްފުގެ އެހެނިހެން ގައުމުތަކަށް މަޖުބޫރުވާނޭ ކަމެކެވެ. ގަލްފުގެ ގައުމުތަކުން ވިއްކާ ތެލުގެ ބަދަލުގައި އެގައުމުތަކަށް ލިބޭ ޑޮލަރު މިހާތަނަށް ރައްކާ ކުރަމުންއައީ އެމެރިކާޔާއި ހުޅަނގުގެ ގައުމުތަކުގެ ބޭންކުތަކުގައެވެ. ހުޅަނގުގެ ގައުމުތަކުން ނުރުހުނީމާ އެފައިސާ ހިފަހައްޓައިފައެވެ. ގަނޑުކޮށްފައެވެ. ޔުއާނުން މި ވިޔަފާރި ހިންގައި އޭގެ ނަފާއިން ރަންގަނެ ޖަމާކުރީމާ ޑޮލަރަށް ބަރޯސާކުރުން ނިމޭނެއެވެ. ޑޮލަރަށް ބަރޯސާކުރުން ނިމުނީމާ އެމެރިކާއިން ޖަހަމުން އަންނަ ހުރިހާ ސަކަރާތަކަށްވެސް ނިމުން އަންނާނެއެވެ.
އިގްތިސާދީ ގޮތުން ދަތިކުރުމޭ ކިޔައިގެން ހިތަށްއެރީމާ ހިތަށްއެރިހާ ބަޔަކާ ދެކޮޅަށް ފިޔަވަޅު އެޅުންވެސް ނިމުމަކަށް އަންނާނެއެވެ. ކޮންމެއަކަސް އީރާނުން އަދި މިކަން މިގޮތަށް ނިންމީއެއް ނޫނެވެ. ނިންމަން ޚިޔާލުކުރާ ވާހަކަ ބުނީއެވެ. ގަބޫލުކުރެވޭ ގޮތުން އެމެރިކާއަށް އިންޒާރެއް ދިނުމުގެ ގޮތުންނެވެ. އީރާނުގެ އަތުގައި އަދިވެސް ކުޅޭނޭ ކިތަންމެ ކާޑެއް އެބަހުރިކަން ހަނދާންކޮށްދިނީއެވެ. ޕެޓްރޯ ޑޮލަރުގެ ނިޒާމާ ކުޅެވިދާނެކަން އެންގީއެވެ. ޕެޓްރޯ ޑޮލަރުގެ ނިޒާމު އުފަންވީ 1970 ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ރިޗަޑް ނިކްސަންގެ ނިންމެވުމަކުންނެވެ. އޭނާ ނިންމެވީ އެމެރިކާ ޑޮލަރު ރަނަށް ޕެގްކުރެވިފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށެވެ. އެގޮތަށް ނިންމެވުމަށްފަހު ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމުގެ ގޮތުން 1974 ވަނަ އަހަރު ސައޫދީ އަރަބިޔާއާއެކު ނިކްސަން ގާއިމު ކުރެެއްވީ އެއްބަސްވުމެކެވެ. އޭރު ސައޫދީ އަރަބިޔާއަކީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމެވެ. ސައޫދީ އަރަބިޔާއާއެކު ގާއިމު ކުރެވުނު އެއްބަސްވުމުގެ ދަށުން އެގައުމުން ވިއްކާ ތެޔޮ އަގުކުރެވެންފެށީ އެމެރިކާ ޑޮލަރުންނެވެ.
ސައޫދީންގެ ނިންމުން ބަލަން ތިބެފައި ތެޔޮއުފައްދާ ގައުމުތަކުގެ ޖަމިއްޔާ އޯޕެކަށް ނިސްބަތްވާ އެހެން ގައުމުތަކުންވެސް ތެލުގެ އަގުކުރަން ފެށީ ޑޮލަރުންނެވެ. ނަތީޖާއަކަށްވީ މުޅިދުނިޔޭގައި ޑޮލަރުގެ ޑިމާންޑް ބޮޑުވުމެވެ. ތެލުގެ އިތުރަށް ދުނިޔޭގެ އެހެނިހެން ވިޔަފާރިތައްވެސް ކުރެވޭ ފައިސާއަކީ ޑޮލަރު ކަމަށް ވުމެވެ. ޑޮލަރު ލިބިގަތުމަކީ އެންމެނަށްވެސް ލާޒިމު ކަމަކަށް ވުމެވެ. އެމެރިކާގެ ޑޮލަރާއި ދުނިޔޭގެ ވިޔަފާރީގައި ޑޮލަރުގެ ދައުރަށް ނިސްބަތްކޮށް ޕެޓްރޯ ޑޮލަރޭ ކިޔަން ފެށުނީ މިދެންނެވި ގޮތުންނެވެ. ތެލާނުލައި އެއްވެސް ބަޔަކަށް ނޫޅެވެއެވެ. ތެޔޮ ގަނެވޭނީ ހަމައެކަނި ޑޮލަރުން ކަމަށް ސައޫދީ އަރަބިޔާއިން ނިންމީ ބަދަލުގައި ސައޫދީ ރަސްކަމާއި ސައޫދީ ތެޔޮވަޅުތައް އެމެރިކާއިން އަބަދުވެސް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭން ރައީސް ނިކްސަން ޖާމިނު ވުމުންނެވެ. މިއެއްބަސްވުމުގެ ދަށުން އުފެދުނު ޕެޓްރޯ ޑޮލަރުގެ ބާރު މިއަދާ ހަމަޔަށްވެސް އައީ ދެމިގެން ކުރިއަށެވެ. މިކަމުގެ އެޑްވާންޓޭޖް އެމެރިކާއިން ނަގަމުންއައީ އިންތިހާއަށެވެ.
ކޮންމެއަކަސް އީރާނުން ކުރާކަމެއް އެކުރަނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކުގައެވެ. ހޮރުމުޒް ކަނޑުއޮޅިއަކީ އީރާނު ބޭނުންވީމާ ބޭނުންއިރަކު ބަންދުކޮށް ހުޅުވައި ހެދޭނޭ ތަނެކެވެ. އެކަންކުރުމަށް މާބިޔަ މާވަރުގަދަ ނޭވީއެއް ބޭނުމެެއް ނުވެއެވެ. މިކަންކަން މިހެންހުރީމާ އެމެރިކާ މިހާރުއޮތީ ހަދާނެގޮތް ހުސްވެފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި އޭނާގެ ދިފާއީވަޒީރު ޕީޓް ހެގްސެތު އަދި ކިތަންމެ ހަރުކަށި ވާހަކަތަކެއް ދެއްކިޔަސް، އީރާނަށް ފުލުފުލުން އިންޒާރުދިނަސް ފަރުދާގެ ފުރަގަހުގައި އެހެން ކަންތައްތަކެއްވެސް އެބަހިނގައެވެ. ގައުމުތަކަށް މަންދޫބުން ފޮނުވައިގެން ހަނގުރާމަ ހުއްޓައިލަން އީރާނު އެއްބަސްކުރެވޭތޯ ލައްކަ ބޮޑަށް އެބަ މަސައްކަތް ކުރެއެވެ. ހަނގުރާމަ ހުއްޓައިލާނެ ޝަރުތުތައް މިހަފުތާގައި އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނު އިއުލާން ކުރެެއްވީވެސް މި މަސައްކަތް އެމެރިކާއިން ކުރިއަށް ގެންދާކަން ދުނިޔެއަށް ހާމަކުރެއްވުމުގެ ގޮތުންނެވެ. އީރާނުގެ ޕޮޒިޝަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން
ވަރަށް މޮޅު ލިޔުމެއް.
ނުރަބޯ - 3 މަސް ކުރިން