ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ މެދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ގިނަ ބަޔަކު އެކަމަށް ނުފެންނަ ކަމަށް ވޯޓުދީފިއެވެ.
އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބާއެކު ކުރިއަށްދިޔަ ހިޔާލު ހޯދުމުގެ ވޯޓުގެ މިހާރުގެ ނަތީޖާތަކުން ދައްކާގޮތުގައި 189،000 މީހުން ވޯޓުލާފައިވާ އިރު، އޭގެ ތެރެއިން ބާތިލުވީ 3840 ވޯޓެވެ.
ހިޔާލު ހޯދުމުގެ ވޯޓުގެ މިހާރުގެ ނަތީޖާ ދައްކާގޮތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް 126،543 މީހުން ވަނީ ވޯޓުދީފައެވެ. އެއީ 68.75 ޕަސަންޓު މީހުންނެވެ. އަދި އެކަމަށް ފެންނަ ކަމަށް ވޯޓުދިނީ 57،961 މީހުންނެވެ. އެއީ އެންމެ 31،25 ޕަސަންޓު މީހުންނެވެ.
ސައްހަ ވޯޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް މާގިނައިން ނުފެންނަ ކަމަށް ވޯޓުދީފައިވުމުން، ދެން އެ ނަތީޖާއަކަށް ބަދަލެއް ނާންނާނެއެވެ. އަދި ވަގުތީ ނަތީޖާގައި މިހާރު ހިމެނިފައިނުވަނީ ވެސް މަދު ވޯޓުފޮއްޓެއްގެ ނަތީޖާއެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމަށް ތާއީދުކޮށް އެންމެ ވަރުގަދަ ކެމްޕޭނެއް ކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އޭގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ވެސް ލިބުނެވެ.
އެކަމާ ދެކޮޅަށް މަސައްކަތްކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޕީއެންއެފް އިންނެވެ.