ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަގާމުން އާއިޝަތު ޝައްމާ ވަކިކުރި މައްސަލަ އަލުން ބަލަން ޓްރައިބިއުނަލަށް އަންގައިފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އޮފިސަރުގެ މަގާމުގައި ހަތަރެއް އޮކްޓޫބަރު 2022 އިން ފެށިގެން އާއިޝަތު ޝައްމާ ވަޒީފާ އަދާކުރަމުން ދަނިކޮށް، ތިނެއް ޖަނަވަރީ 2023 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގައި ބުނެފައިވަނީ ޝައްމާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ނުލައި އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަކާ ނުލައި ވަޒީފާއާބެހޭ ގާނޫނާއި ޕާލަމެންޓަރީ ސާވިސް މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައި ބިއުނަލަށް ހުށަހެޅި މި މައްސަލައިގައި އޭނާ އެދިފައި ވަނީ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި ބަދަލު ނަގައިދިނުމަށެވެ.

ޓްރައިބިއުނަލްގައި މި މައްސަލައަށް ރައްދުދެމުން މަޖިލިސް އިދާރާއިން އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ. އެ ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ޕްރޮބޭޝަން މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒިފަކު ވަޒީފާއިން ވަކިކުރުމަކީ، ވަޒީފާދޭ ފަރާތަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި މި ހައްގުގެ ނަތީޖާއަކީ މިބާވަތުގެ މައްސަލަ ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުލިބުންކަމަށްވާތީ، މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެވޭނެ މައްސަލައެއް ނޫން ކަމަށްވެސް ބުންޏެވެ.

އެހެންކަމުން ޓްރައިބިއުނަލުން ވެސް މި މައްސަލަ ނިންމާފައިވަނީ ޝައްްމާ ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެނެއްނުވާ ކަމަށެވެ.

ޝައްމާގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ނިންމީ، މި މައްސަލަ ބެލެން ނެތް ކަަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލް ކަމަށެވެ. އަދި މިއީ ބެލިދާނެ މައްސަލައެއްތޯ އަލުން ބަލައި މައްސަލައާ މެދު ގޮތެއް ކަނޑައެޅުމަށް ޓްރައިބިއުނަލަށް މައްސަލަ އަލުން ފޮނުވައިލުމަށް ވެސް ހައިކޯޓުން ހުކުމް ކުރިއެވެ.