ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ.

"ޓީ ޖެޓީ" ރެސްޓޯރެންޓުގެ މިދިޔަ ރޯދަމަހުގެ ނަސީބުވެރިޔާ ހޮވުމަށް ގުރު ނަގާފައިވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައެވެ.

އެ ޕްރޮމޯޝަނަކީ ޓީ ޖެޓީ ރެސްޓޯރެންޓުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ރޯދަ ހަދިޔާގެ ގޮތުގައި އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނެކެވެ.

މިދިޔަ ފެބްރުއަރީ 18 އިން ފެށިގެން މިދިޔަ މަހުގެ 26 ގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގައި 3000 އަށްވުރެ ގިނަ ކަސްޓަމަރުން ވަނީ ބައިވެރިވެފައެވެ. މިއީ ޓީ ޖެޓީން އެ ޕްރޮމޯޝަން ކުރިއަށްގެންދިޔަ ހަވަނަ އަހަރެވެ.

މިއަހަރުގެ ޕްރޮމޯޝަންގެ ގުރުނެގުމުގައި އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ސ. ހިތަދޫ، ބިންބިމާގޭ، ޝަރުމީލާ ހަމީދެވެ.

"ޓީ ޖެޓީ" ރެސްޓޯރެންޓުގެ ވެރިޔާ އަބްދުﷲ ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ، ކުރިއަށްއޮތް އަހަރުތަކުގައި ވެސް އެ ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށާއި އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާ ކަމަށެވެ.