"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް، އެ ނޫހުގެ އޮފީހުން ގެންދިޔަ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޕާސްކޯޑް ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝާފިއު ނެރުއްވި އަމުރުގައި އަންގާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ލެޕްޓޮޕްތަކާއި، ހާޑްޑްރައިވްތަކާއި، ޕެންޑްރައިވްތަކުގެ އިތުރުން ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑް ފުލުހުންނަށް ދިނުމަށެވެ. އަދި އެ ޑިވައިސްތަކުގައި ހުރި މައުލޫމާތުތަކަށް ފުލުހުންނަށް އެކްސެސް ވެވޭނެ ގޮތް ހަމަޖައްސައިދިނުމަށްވެސް އަމުރުގައިވެއެވެ.

ނަމަވެސް، މި ޑޭޓާތައް ބަލާއިރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއް ހާޒިރުވެ ހުންނަންވާނެ ކަމަށާއި، ނޫސްވެރިކަމުގެ އިމްތިޔާޒުގެ ދަށުން މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގާޒީ ވަނީ ފުލުހުންނަށް އަންގަވާފައެވެ.

އެ އަމުރާ ގުޅިގެން "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒުގެ ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ، ޕާސްކޯޑްތައް ދީފިނަމަ ނޫހުގެ މަސްދަރުތައް ހާމަވެދާނެ ކަމަށެވެ. މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގަކަށްވާތީ، ދައުވާކޮށް ޖަލަށްލީ ނަމަވެސް އެ މައުލޫމާތުތައް ފުލުހުންނަށް ނުދޭނެކަން ފިޔާޒު ފުލުހުންނަށް އަންގާފައިވާކަމަށް ހުސެއިން އަލީ ވިދާޅުވިއެވެ.

މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލާގައި ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ގަޒްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.

މި މައްސަލާގައި ހަސަން އާއި ފިޔާޒުގެ އިތުރުން، ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިންކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

ނޫސްވެރިންނާ މެދު ފުލުހުން އަމަލުކުރަމުންދާ ގޮތާ މެދު ބައިނަލްއަގުވާމީ ޖަމްއިއްޔާ ސީޕީޖޭ އާއި އިނގިރޭސި ސަފީރު ނިކް ލޯ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.