"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ހާޒިރުކުރި ސ. މީދޫ/ އައިޝަތު އީޝާ އަޝްރަފު، ބޭނުންވަނީ ހުރިހާ ތަފުސީލެއް ތަހުގީގަށް ކިޔައިދޭންކަމަށް އޭނާގެ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
"އައިޝާ" ޑޮކިއުމެންޓްރީގެ ތަހުގީގަށް އީޝާ ފުލުހަށް ހާޒިރުކޮށްފައިވަނީ މިރޭ 9:00 ޖެހިއިރުއެވެ. އޭނާ ހާޒިރުކޮށްފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ. ފުލުހުން، އީޝާއަށް ކުރަނީ އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ.
ޝަމީމު މިރޭ މީޑިއާތަކަށް ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ބަޔާންދިނުމަށް އީޝާ އެއްބަސްވެފައިވާ ކަމަށެވެ. އީޝާ، ބަޔާން ދިނުމުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ދޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.
އީޝާއަކީ މި މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތެއް ނުވަތަ ވިކްޓިމްއެއްކަމަށް ޝަމީމު ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމްއަކަށްވި ގޮތްވެސް މީޑިއާތަކަށް ހާމަކުރާނެކަމަށް ޝަމީމު ވިދާޅުވިއެވެ.
މައްސަލައިގެ ތަހުގީގަށް ބޭނުންވާ ވަރަށް ފުލުހުންނަށް މިހާރު މައުލޫމާތު ލިބިފައިވާކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.
އީޝާގެ އެހެން ވަކީލެއް ކަމަށްވާ މުހައްމަދު ފަރީދު ވިދާޅުވީ "އައިޝާ" ޑޮކިއުމަންޓްރީގައި އެ ވާހަކަ ކިޔައިދޭ އަންހެން މީހާއަކީ އީޝާކަން އެނގުނު ގޮތުގެ ހެއްކެއް ފުލުހުންނަށް އަދި ލިބިފައިނުވާ ކަމަށެވެ.
މި މައްސަލާ ގުޅިގެން "އަދަދު" ނޫހަށް ފުލުހުންވަދެ އެތަން ބަލާ ފާސްކުރީ މިދިޔަ މަހުގެ 27 ގައެވެ.
މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ގަޒްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.
މި މައްސަލައިގައި އެ ދެ މީހުން ވެސް ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ.
މި މައްސަލާގައި ހަސަން އާއި ފިޔާޒުގެ އިތުރުން، ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިންކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް