މީޑިއާގެ ދާއިރާގައި ފާހަގަކޮށްލެވޭ އަދި އަންހެނުން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މިންހާ ފާއިޒު ރަޝާދު (މިންނު)، ބައިނަލްއަގުވާމީ ޖައްވީ ބޮޑު ހަރަކާތެއް ކަމަށްވާ "މިޝަން ޝަކްތީސެޓް" ގެ ދިވެހިރާއްޖޭގެ އެމްބެސެޑަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.
ވަން މީޑިއާ ގްރޫޕުގެ ޗެއާޕާސަން އަދި ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސާގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މިންނު މި މަގާމަށް އައްޔަންކުރުމަކީ، ރާއްޖޭގެ އަންހެންކުދީންނަށް ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް ދިއުމަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު ދޮރެއް ކަމަށް މިޝަން ޝަކްތީ ސެޓް އިން ބުނެފައިވެއެވެ. މިޝަން ޝަކްތީސެޓްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން މިންނު މަސައްކަތްކުރައްވާނީ، ދިވެހި އަންހެންކުދީން ޖައްވީ ހޯދުންތަކަށް އަހުލުވެރިކުރުވައި، އެ ކުދިންގެ އީޖާދީ ވިސްނުން ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފުރުސަތުތައް ފަހިކޮށްދެއްވުމަށެވެ.
މިޝަން ޝަކްތީސެޓަކީ އިންޑިއާގެ އޭރޯސްޕޭސް ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ "ސްޕޭސް ކިޑްޒް އިންޑިއާ" އިން އިސްނަގައިގެން ކުރިއަށްގެންދާ އުންމީދީ އަދި ތާރީހީ ޕްރޮޖެކްޓެކެވެ. ޑރ. ސްރީމަތީ ކޭސަންގެ ލީޑަރޝިޕްގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ 108 ގައުމަކުން 12،000 އަންހެން ކުދިން ބައިވެރިކޮށްގެން، ހަމައެކަނި އަންހެން ކުދިންގެ މަސައްކަތުން ތައްޔާރުކުރާ ސެޓެލައިޓެއް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަނދުގެ އޯބިޓަށް ފޮނުވުމެވެ. މިއީ ޖައްވީ ހޯދުންތަކާއި ސައިންސްގެ ދާއިރާއިން އަންހެން ކުދީންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގޭ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ހަރަކާތެވެ.
މީގެ ކުރީންވެސް ސްޕޭސް ކިޑްޒް އިންޑިއާއިން ވަނީ ދަރިވަރުން ލައްވައި "އާޒާދީސެޓް" ފަދަ ކާމިޔާބު ސެޓެލައިޓްތައް އުފައްދައި ޖައްވަށް ފޮނުވައިފައެވެ. މި ހަރަކާތުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ކުދީންނަށް އެއް ޕްލެޓްފޯމެއްގައި މަސައްކަތްކޮށް، ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މިއީ ހަމައެކަނި ސެޓެލައިޓެއް ޖައްވަށް ފޮނުވުމުގެ ބަދަލުގައި، ތައުލީމާއި، މެންޓަރޝިޕް އަދި ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން އަންހެން ކުދީންނަށް ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް) މޮޑިއުލްތަކާއި ސެޓެލައިޓް ސިސްޓަމްސް އިންޖިނިއަރިން ދަސްކޮށްދީ، އެ ކުދީން ބާރުވެރިކުރުވުމަށް ހިންގޭ ބޮޑު ހަރަކާތެކެވެ. ޖުމްލަ 120 ގަޑިއިރުގެ މި ތަމްރީނު ޕްރޮގްރާމް ބެހިފައިވަނީ މައިގަނޑު ދެ މަރުހަލާއަކަށެވެ.
ފުރަތަމަ ހިމެނެނީ 21 މޮޑިއުލްގެ މައްޗަށް އެކުލެވޭ ހާއްސަ ބައެކެވެ. މީގެ ތެރޭގައި ފިޒިކްސް، ހިސާބު، ކޯޑިން، ސެޓެލައިޓް ޓެކްނޮލޮޖީ، ޕްރޮޕަލްޝަން ސިސްޓަމްސް، ޕީސީބީ ޑިޒައިން އަދި އޯބިޓަލް މެކޭނިކްސް ފަދަ މުހިންމު މައުޟޫއުތައް ހިމެނެއެވެ. އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) ގެ އިންސްޕޭސް މެދުވެރިކޮށް އެކްރެޑިޓްކޮށްފައިވާ މި ޕްރޮގްރާމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރުވެސް 7،800 އަށްވުރެ ގިނަ ކުދީން ވަނީ ރަޖިސްޓަރީކޮށްފައެވެ. މި މަރުހަލާގައި ދަރިވަރުންނަށް ބޭނުންވާ އިލްމީ މައުލޫމާތު ފޯރުކޮށްދެނީ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
ދެވަނަ މަރުހަލާގައި، ޕްރޮގްރާމުގައި ބައިވެރިވާ 108 ގައުމުގެ ތެރެއިން ކޮންމެ ގައުމަކުން އެއް ކުއްޖަކު ހޮވައި، އިންޑިއާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ އޮގަސްޓު މަހުގެ 23 އިން ސެޕްޓެމްބަރު މަހުގެ 2 އަށް އިންޑިއާގައި ކުރިއަށްގެންދާ މި އަމަލީ ތަމްރީނު ޕްރޮގްރާމުގައި، ހޮވޭ ދަރިވަރުން އެ ގައުމެއްގެ އެމްބެސެޑަރާއެކު ބައިވެރިވެ، ސެޓެލައިޓް ފަރުމާކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާނެއެވެ. މި މަސައްކަތްތަކަށްފަހު، ދުނިޔޭގެ ތިރީ އޯބިޓަށާއި އަދި ފަހުން ހަނދަށް ސެޓެލައިޓް ފޮނުވުމަށް ވަނީ އަމާޒުހިފާފައެވެ.
މިޝަން ޝަކްތީސެޓްގެ ތެރެއިން ދަރިވަރުންނަށް ލިބޭ ފުރުސަތުތަކާ ގުޅޭގޮތުން ސްޕޭސް ކިޑްޒް އިންޑިއާގެ މިޝަން ޑިރެކްޓަރު ޑރ. ސްރީމަތީ ކޭސަން ވިދާޅުވެފައިވާގޮތުގައި، މިއީ ހަމައެކަނި ސެޓެލައިޓެއް ޖައްވަށް ފޮނުވުމެއް ނޫނެވެ. މިއީ އަންހެން ކުދީންގެ ވިސްނުމާއި ގާބިލުކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި މަސައްކަތްކުރަނީ މުސްތަގުބަލުގެ ސައިންސްވެރީންނާއި އިންޖިނިއަރުން އަދި ލީޑަރުން އުފެއްދުމަށްޓަކައި، ގައުމީ ހުދޫދުތައް ފަހަނައަޅައި ގޮސް ގުޅިގެން މަސައްކަތްކުރާނެ މާހައުލެއް ގާއިމުކުރުމަށް،” ޑރ. ސްރީމަތީ ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ އީޖާދުތަކުގެ ސަބަބުން ދަރިވަރުން އިސްނަގައިގެން ކުރާ ދިރާސާތަކުން ޖައްވީ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ލިބި، ޒުވާން ސިކުނޑިތަކަށް ބޮޑެތި ހުވަފެންތައް ދެކުމަށް ހިތްވަރު ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހަރަކާތުގެ ސަބަބުން، މުސްތަގުބަލުގެ ސައިންސްވެރިންނާއި ލީޑަރުން އުފެދި، ރާއްޖޭގެ ތައުލީމީ ދާއިރާއަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއިން ބައިވެރިވާނެ ދަރިވަރުން ހޮވުމުގެ މަސައްކަތް ފެށޭނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މަސްތުވާތަކެތި އެތެރެކުރުން
ބޭރު ކުޅިވަރު