އިންޑިއާގެ މަޝްހޫރު ތެލިނގޫ އެކްޓަރު ނާގާ ޗައިތަންޔާގެ ސިފަ ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ހަދާފައިވާ ބަރަހަނާ ޑީޕްފޭކް ވީޑިއޯތަކާއި އެހެނިހެން ކޮންޓެންޓްތައް 24 ގަޑިއިރުގެ ތެރޭގައި އިންޓަނެޓުން ނެގުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފިއެވެ. މިއަދު ނެރުނު މި އަމުރަކީ، އޭނާގެ ޒާތީ އަދި ވިޔަފާރީގެ ހައްގުތައް ހިމާޔަތްކުރުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު ވަގުތީ އަމުރެކެވެ.
ދިއްލީ ހައިކޯޓުގެ ފަނޑިޔާރު ޖިޔޯތީ ސިންގް ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ، ނާގާ ޗައިތަންޔާގެ ނަމާއި، އަޑާއި، ސިފަ ހުއްދަ ނެތި ބޭނުންކޮށްގެން ހަދާފައިވާ ޑީޕްފޭކް ވީޑިއޯތަކާއި، ބަރަހަނާ މަންޒަރުތަކުގެ އިތުރުން، އޭނާގެ އަބުރަށް ހުތުރުވާ ފަދަ ތަކެތި ޔޫޓިއުބާއި އެހެނިހެން ވެބްސައިޓްތަކުން ވަގުތުން ނަގަން ޖެހޭނެ ކަމަށެވެ. އަދި އާންމު ފަރާތްތަކަށް ފާޑުކިޔުމުގެ މިނިވަންކަން އޮތް ނަމަވެސް، އޭގެ ހައްދެއް އޮންނަންވާނެ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ނާގާ ޗައިތަންޔާގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ވަކީލު ކޯޓުގައި ވިދާޅުވި ގޮތުގައި، އޭއައި ބޭނުންކޮށްގެން ހަދާފައިވާ މި ވީޑިއޯތަކަކީ ހަމައެކަނި ފާޑުކިޔުމެއް ނޫން ކަމަށާއި، މިއީ ގަސްތުގައި މީހެއްގެ އަބުރު ކަތިލުމަށް ކުރާ ކަމެކެވެ. އަދި އޭނާގެ ކުރީގެ އަނބިމީހާއާ ގުޅުވައިގެންވެސް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ކެރިއަރަށާއި ވިޔަފާރީގެ އަގަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.
މި މައްސަލައަކީ ޑިޖިޓަލް ޕްރައިވެސީއާއި އޭއައި ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް އިންޑިއާގައި ފަހަކަށް އައިސް ފިލްމީ ތަރިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މައްސަލައެކެވެ. ކޯޓުން ވަނީ މިފަދަ ކޮންޓެންޓްތައް ހުއްޓުވުމަށް ޕްލެޓްފޯމްތަކުން ޒިންމާދާރުވާން ޖެހޭނެ ކަމަށް ބުނެ، ކުރިމަގުގައިވެސް މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް އަންގައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް