ލޯންޗަކާއި ސަޕްލައި ދޯންޏެއް ޖެހިގެން އިއްޔެ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައި، ޖިނާއީ އަދި މަދަނީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ހެނދުނު ހިނގި މި އެކްސިޑެންޓްގައި ދޯނި ޖެހުނީ ދެ މީހުންނާ އެކު ދަތުރުކުރަމުން ދިޔަ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައެވެ.
ލޯންޗުގައި ޖެހުމުން ވެސް މަޑުނުކޮށް އެ ދޯނި ދިޔައީއެވެ. އެކަމާ ގުޅިގެން އެކްސިޑެންޓަށް ފަހު، އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
ނަމަވެސް ފުލުހުން މިއަދު ބުނީ އެ ދޯނި ދުއްވި ކެޕްޓަންގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ. އެ ހާދިސާގެ މަދަނީ އަދި ޖިނާއީ ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް ބުންޏެވެ.
އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިންނެވެ. އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންދެމުންނެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
އެ އެކްސިޑެންޓުގައި ލޯންޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެ ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ "ފުނޑުފުނޑުވެފަ" އެވެ. ދޯންޏަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އިބްރާހިމް ޒަކީ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް