އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް) ގެ ގޮނޑިއަކަށް ރާއްޖެ އިންތިހާބުވުމަކީ ރާއްޖޭގެ ހާރިޖީ ތާރީހުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކުރި 60 އަހަރުގެ ތެރޭގައި މި ކައުންސިލަށް ރާއްޖެ އިންތިހާބުވި މިއީ ފުރަތަމަ ފަހަރެވެ. ރާއްޖެ އިންތިހާބުވެފައިވަނީ 2027 އިން 2029 އަށް އޮންނަ ދައުރަށެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އިންތިހާބުން ކާމިޔާބުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ކުރާ އިތުބާރު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އޮތް ޔަގީންކަން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކާއި އިގްތިސޯދީ ގޮންޖެހުންތައް ރާއްޖެއަށް ވަރަށް ބޮޑަށް އިހުސާސްކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، އިކޯސޮކް މެދުވެރިކޮށް އެފަދަ ގައުމުތަކުގެ އުންމީދުތަކާއި މަސްލަހަތުތަކަށް ރާއްޖެއިން ވަކާލާތު ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތައް ހަލުވިކޮށް، އިންސާފުވެރި ބައިނަލްއަގުވާމީ ނިޒާމެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކާއެކު ރާއްޖެއިން ގާތުން މަސައްކަތް ކުރަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.