ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކުރައްވައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދެއްކި ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

މަނީ ލޯންޑްރިން އާއި ފޭރުމުގައި ބައިވެރިވުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޝައްމާންގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު ހަވީރު 4:00 ގައި ކުރިމިނަލް ކޯޓަށް ތާވަލުކޮށްފައި އޮތް އަޑުއެހުމަށް ވަނުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ރައީސް މުއިއްޒާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ޝަމްއާން ބުނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ ފްރޭމްކޮށްފައިވާ ކަމަށެވެ. އެ ކަންތައް ފެށީ ހޯމް މިނިސްޓަރު އިހުސާނާއި ގުޅުން ހުރި ކޮރަޕްޝަންގެ ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި ހިސާބުން ކަމަށް ވެސް ބުންޏެވެ.

ޝަމްއާން ބުނީ ބިދޭސީންގެ ކޯޓާގެ ކަންކަން ރަނގަޅަށް ނުދާކަން ސަމާލުކަމަށް އައި ހިސާބުން އެކަން ހިނގާ ގޮތް ބަލާފައިވާނެ ކަމަށާއި މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ އަމަލުތައް ހާމަވީ އެ ހިސާބުން ކަމަށެވެ.

އެކަން ރައީސަށް ހުށަހެޅުއްވި ނަމަވެސް އެއްވެސް ފިޔަވަޅެއް ރައީސް އަޅުއްވާފައި ނުހުންނެވުމަކީ ރައީސަށް ވެސް އެކަން އެނގޭކަން ހާމަވާ ކަމެއް ކަމަށް ވެސް ތުހުމަތުކުރިއެވެ.

ޝަމްއާން ބުނީ މިނިސްޓަރު އިހުސާނު ލައްވާ ބަންގުލަދޭޝްގެ ވޯކް ޕާމިޓް އެޕްރޫވްކޮށް ކޮންމެ ކޯޓާއަކަށް ކޮރަޕްޝަންގެ ގޮތުގައި 8000 ރުފިޔާ ނަގާކަން ޔަގީންކޮށްފައިވާނެ ކަމަށެވެ.

ޝަމްއާނަށް ކުރާ ތުހުމަތުތަކާއި ގުޅުންހުރި ބިދޭސީ މީހާ ދޫކޮށްލީ ވެސް ސީދާ މިނިސްޓަރު އިހުސާންގެ އެންގުމަށް ކަމަށް އޭނާ ބުންޏެވެ. މި މައްސަލަ ހިނގަމުން ދާތީ މިކަމާ ގުޅުން ހުރި ވާހަކަތައް ދައްކަން ކުރިން އުނދަގޫވި ކަމަށާއި، މި މައްސަލައާ ގުޅުން ހުރި އެކި ފަރާތްތަކަށް ހޯމް މިނިސްޓަރު އިހުސާން އަމިއްލަފުޅަށް ގުޅުއްވިކަން އެ މީހުންގެ ވާހަކަތަކުން އެނގޭ ކަމަށް ވެސް ބުންޏެވެ.

އޭނާއަށް ކުރި ދައުވާތަކުގައި ދައުލަތުން ހުށަހެޅި ހެއްކެއް ޝައްމާންއާ އެއްކޮޅަށް ހެކި ދީފައި ވަނިކޮށް އެ ހެކިވެރިޔާއަށް ލުއި ދޭނެ ކަމަށް ބުނެ ދައުލަތުން އެ ހެކިވެރިޔާއާ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޝަމްއާން ތުހުމަތު ކުރިއެވެ.

ޝަމްއާން ވަނީ އޭނާގެ މައްޗަށް ހިންގި ޝަރީއަތަކީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނޭހެން ރޭވިގެން އޭނާއާ ދެކޮޅަށް ހިންގާ ޝަރީއަތެއް ކަމަށް ތުހުމަތުކޮށްފައެވެ.

ޝައްމާންގެ މި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ، "ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއާގައި އެ ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް،" ކަމަށެވެ.