ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް އާއި އާމިރު ހާން ގުޅިގެން އުފައްދާ ތާރީހީ ފިލްމުގެ ނަން 'ބަޓްވާރާ 1947' އަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ. މީގެ ކުރިން 'ލާހޯރު 1947' ގެ ނަމުގައި އިއުލާނުކުރި މި ފިލްމުގެ ނަން ބަދަލުކުރިކަން އާމިރު ހާން ޕްރޮޑަކްޝަންސް އިން ވަނީ އިއްޔެ އާންމުކުރި މޯޝަން ޕޯސްޓަރަކާއެކު އާންމުކޮށްފައެވެ.

މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހުއެވެ.

ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓުކުރާ މި ފިލްމަކީ 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނު ވަކިވެގެންދިޔަ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ސަނީ ޑިއޯލްގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ޕްރީތީ ޒިންތާ، ޝަބާނާ އާޒްމީ، އަލީ ފަޒަލް އަދި ކަރަން ޑިއޯލް ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިލްމުގެ ނަން ބަދަލުކުރަން ޖެހުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން އުފެދިދާނެ ސިޔާސީ މައްސަލަތަކުން ސަލާމަތްވުމަށާއި، ވަކި ރަށެއްގެ ނަމަށްވުރެ ބޮޑަށް ބައިވުމުގެ ހިތާމަވެރި ހާދިސާއަށް ފޯކަސް ކުރުމުގެ ގޮތުންނެވެ.

އިންޑިއާގެ ހަަބަރުތައް ބުނާ ގޮތުގައި 'ބަޓްވާރާ' މި ނަމުގެ ރައިޓްސް ހޯދުމަށްޓަކައި އާމިރު ހާން ވަނީ ކުރީގެ ޕްރޮޑިއުސަރު ސަލީމް އަހްތަރުގެ އާއިލާއާ ބައްދަލުކޮށް އެކަން ހަމަޖައްސާފައެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް މި ފިލްމު ނެރުމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށް މަގުފަހިވާނެ ކަމެކެވެ. ފިލްމުގެ މިޔުޒިކް ތައްޔާރުކޮށްފައިވަނީ އޭއާރު ރަހްމާންއެވެ. ހަބަރުތައް އިތުރަށް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ފިލްމު ޕްރޮމޯޓުކުރުމުގެ މަސައްކަތެވެ.