ދުނިޔޭގެ ޖިއޮޕޮލިޓިކްސްއާއި ހަގުރާމަތަކާ ގުޅިގެން ފީފާއިން މިހާތަނަށް ކިތައް ގައުމު ސަސްޕެންޑްކޮށް ބައިނަލްއަގުވާމީ ފުޓްބޯޅައިން ބޭރުކޮށްފައިވޭ ހެއްޔެވެ. ލިސްޓު މާކަދިގެއް ނޫނެވެ. ހަގުރާމަތަކާ ގުޅިގެން މިހާތަނަށް ޖުމްލަ ހަތަރު ގައުމެއް ސަސްޕެންޑް ކުރެވިފައެވެ. އެގޮތުން އެންމެފަހުން ސަސްޕެންޑް ކުރެވުނު ގައުމަކީ ރަޝިޔާއެވެ. ޔޫރަޕުގެ އެންމެ ބިޔަ އެންމެ ބައިބޯ ރަޝިޔާއެވެ. އެއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެންނެވެ. ފީފާގެ މިނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އެންމެހައި ހަރަކާތްތަކުން ރަޝިޔާވަނީ މުއްދަތެއްނެތި އެކަހެރި ކުރެވިފައެވެ. އަދިވެސްއޮތީ އެކަހެރިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2024 ގެ ޔޫރޯއާއި އަދި ކުރިއަށްމިދާ 2026 ގެ ވޯލްޑްކަޕުވެސް ރަޝިޔާއަށް ވަނީ ގެއްލިފައެވެ. މީގެ އިތުރަށް ޔޫރަޕުގެ ކުލަބުތަކުގެ މުބާރާތްތަކުންވެސް ރަޝިޔާގެ ކުލަބުތައް ވަނީ ބޭރުކޮށްލެވިފައެވެ.

ޔޫރަޕުގެ ޗާޓު ބަލާބަޔަކަށް ޔޫގޯސްލާވިޔާއޭ ކިޔުނު ގައުމެއް މިހާރަކު ނުފެންނާނެއެވެ. އެކަމަކު 2003 ވަނަ އަހަރާ ހަމަޔަށް ޔޫގޯސްލާވިޔާއޭ ކިޔުނު ގައުމެއް އޮތެވެ. ބޯލްކަން ސަރަހައްދުގައި 1991 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް ކުރެވުނު ހަގުރާމަތަކާ ގުޅިގެން ފީފާއިން ޔޫގޯސްލާވިޔާ ސަސްޕެންޑުކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުންވެސް ބޭރުކުރިއެވެ. އެ ހަގުރާމަތައް ފެށި ބަޔަކީ ޔޫގޯސްލާވިޔާ ކަމަށް ވުމުންނެވެ. ޚާއްސަކޮށް ސާރބިޔާއެވެ. އެގޮތުން ޔޫރޯ 1992 އަށް ޔޫގޯސްލާވިޔާ ކޮލިފައިވެފައިވަނިކޮށް މުބާރާތް ފެށުމުގެ އެންމެ ދިހަ ދުވަސް ކުރިން އެ މުބާރާތުން ޔޫގޯސްލާވިޔާ ބޭރުކޮށްލެވުނެވެ. އެއަށްފަހު 1994 ގެ ވޯލްޑްކަޕުގެ ކޮލިފައިން ބުރުތަކުންވެސް ބޭރުކޮށްލެވުނެވެ. އޭރު ޔޫގޯސްލާވިޔާގައި ހިމެނުނު ޖުމްހޫރިއްޔާތަކަކީ ސާރބިޔާ އާއި މޮންޓެނިގްރޯއެވެ. މި ފިޔަވަޅުތައް އުވާލައި އަލުން ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތެރެއަށް ޔޫގޯސްލާވިޔާ ގެނައީ 1994 ގެ ވޯލްޑްކަޕް ނިމުނުފަހުންނެވެ.

ޖަރުމަންވިލާތަކީ ބްރެޒިލް ނެގުމަށްފަހު ވޯލްޑްކަޕްގައި ދެން އެންމެ ކާމިޔާބު ގައުމެވެ. ވޯލްޑްކަޕް މުބާރާތްތަކުގެ ތެރެއިން ޖަރުމަންވިލާތް ވާދަ ނުކުރަނީ އެންމެ ދެ ފަހަރުއެވެ. އެއީ 1930 ވަނަ އަހަރު ބޭއްވުނު އެންމެ ފުރަތަމަ ވޯލްޑްކަޕާއި 1950 ވަނަ އަހަރު ބޭއްވުނު ހަތަރުވަނަ ވޯލްޑްކަޕެވެ. މީގެތެރެއިން އެންމެ ފުރަތަމަ ވޯލްޑްކަޕުގައި ޖަރުމަނުވިލާތް ވާދަނުކުރުމަކީ އެގައުމުގެ އަމިއްލަ ނިންމުމެކެވެ. އެކަމަކު 1950 ގެ ވޯލްޑްކަޕުގައި ވާދަ ނުކުރެވުނީ ފީފާއިން ޖަރުމަންވިލާތަށް އަދަބުދީފައިވާތީއެވެ. މުބާރާތުގައި ވާދަކުރުމުގެ ހުއްދަ ނެތުމުންނެވެ. އެއީ 1939 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމައަށް ދިގުދެމިގެންދިޔަ ދެވަނަ ބޮޑު ހަގުރާމައިގައި ޖަރުމަންވިލާތް އަދާކުރި ދައުރަށް ބަލާފައި ފީފާއިން ނިންމި ނިންމުމެކެވެ. ފީފާގައި ޖަރުމަންވިލާތް އަލުން ބައިވެރިކުރީ 1950 ވަނަ އަހަރުގެ ވޯލްޑްކަޕް ނިމުނުފަހުންނެވެ. މިފިޔަވަޅު ހަމަ މިގޮތަށް އެދުވަސްވަރު ޖަޕާނާ ދެކޮޅަށްވެސް ފީފާއިން އެޅިއެވެ.

މަތީގައި ބަޔާން ކުރެވުނު ގައުމުތައް ސަސްޕެންޑުކޮށް ބައިނަލްއަގުވާމީ ފުޓްބޯޅައިން ބޭރުކޮށް މިހުރިހާ އަދަބެއް ފީފާއިން ދިނީ އެ ޖަމާއަތުގެ އުސޫލުތަކުގެ ދަށުންނެވެ. ގައުމުތަކަށް އަރައި ހަގުރާމަކޮށް، ގަތުލުއާއްމު ހިންގައި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގުމަކީ ފީފާއިން ބަލައިގަންނާނެ ކަމެއް ނޫންކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. ކުޅިވަރަކީ ގައުމުތައް އެކުވެރިކޮށް ގުޅުންތައް ބަދަހިކުރުމުގެ ވަސީލަތަކަށްވާއިރު ހަގުރާމައަށް އަރައިގަންނަ ބަޔަކަށް ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާންތަކުން ޖާގައެއް ނޯންނާނެކަން ސާބިތުކޮށް ދެއްކުމުގެ ގޮތުންނެވެ.

އެކަމަކު އެއީ މާޒީއެވެ. އެއީ ކުރީގެ ފީފާއެވެ. މިހާރުގެ ފީފާއަކީ އެޒާތުގެ ކަންކަން ނިންމޭވަރުގެ ހިތްވަރާއި ކެރުންހުރި ޖަމާއަތަކަށް ނުވެއެވެ. މިހާރުގެ ފީފާއަކީ ހުޅަގުގެ ތިން ހަތަރު ގައުމެއްގެ މުށުތެރޭގައި ބަނދެވިފައިވާ ދޫންޏެކެވެ. މިނިވަންކަމެއް ނެތެވެ. މިނިވަންކަން ނެތްކަމުގެ ހެއްކަކީ އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ނުކެރުމެވެ. އެމެރިކާޔާއި އިޒްރޭލު ސަސްޕެންޑު ކުރަން ފަސްޖެހުމެވެ.

އެމެރިކާއިން ހިންގާފައި ނުހިންގަނީ ކޮން ޖަރީމާތަކެއް ހެއްޔެވެ. ނަންހުސްކޮށް ހުރިހާ ބާވަތެއްގެ ޖަރީމާތައް އެބަހިންގައެވެ. މާކުރީގެ މާޒީއަކަށް ބަލާނޭ ކަމެއް ނެތެވެ. ފާއިތުވީ ހަތަރު އަހަރުގެ ތެރޭގައި އެކަނި އެމެރިކާއިން އިސްވެ ފަށާފައިވާ ހަގުރާމަތަކާއި މަރާފައިވާ މީހުންގެ އަދަދުތަކަށް ބެލިކަމުގައިވިޔަސް އެމެރިކާ އޮންނަން ޖެހެނީ ފީފާއިން ސަސްޕެންޑު ކުރެވިފައެވެ. ވެނެޒުއެލާއަށް އަރައިފިއެވެ. ސީރިޔާ، އިރާގު އަދި ޔަމަނަށް ބޮންއަޅައިފިއެވެ. އީރާނާ ދެކޮޅަށް ދެ ހަގުރާމައެއް ކޮށްފިއެވެ. އީރާނުގެ ކުޑަ އަންހެންކުދިން ކިޔަވާ ސްކޫލަކަށް ހަމަލަދީ އެތައް ސަތޭކަ ކުދިން ޝަހީދުކޮށްފިއެވެ. އިޒްރޭލް ސިފައިން ގާޒާޔާއި ހުޅަގުއައްސޭރިޔާއި ސީރިޔާއާއި ލުބުނާނުގައި ހިންގާފައިވާ އަދި ހިންގަމުން ގެންދާ އެންމެހައި ޖަރީމާތަކަށް ވާގިވެރިވަނީވެސް އެމެެެރިކާއިންނެވެ. އެކަމަކު މިކަންކަން ފީފާއަކަށް ނުފެނެއެވެ. ބަލަން ބޭނުމެއްވެސް ނުވެއެވެ. ފީފާ އޮތީ ހުރިހާ މާނައެއްގައިވެސް އެމެރިކާޔާއި އިޒްރޭލާއެކުގައެވެ.

އެމެރިކާއިން މިދެންނެވި ޖަރީމާތައް ހިންގަމުންދާއިރު ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯ ވަނީ ހުސްވި އަހަރުގެ ޑިސެމްބަރުމަހު އެމެރިކާގެ ރައީސަށް ފީފާގެ ސުލްހައިގެ އިނާމުވެސް ދީފައެވެ. މިއަހަރުގެ ވޯލްޑްކަޕް އެމެރިކާގައި ބޭއްވުމުގެ ހުއްދަ ފީފާއިން ދިނީ ވޯލްޑްކަޕާ ގުޅޭ އެންމެހައި ކަންކަމަށް އެމެރިކާގެ އެއްބާރުލުން ދޭން އެއްބަސްވުމުންނެވެ. އެކަމަކު އެއިން އެއްވެސް ކަމެއް އެމެރިކާޔަކުން ނުކުރެއެވެ. ވިސާ ދެނީ ދޭނެ ބަޔަކަށެވެ. ހިތަށްއެރި ބަޔަކަށް ނުދެއެވެ. ކުޅުންތެރިންނާއި އޮފިޝަލުންވެސް ހިމެނޭ ގޮތުންނެވެ. އީރާނަށް ޚާއްސަކުރި ޓިކެޓްތައްވެސް ކެންސަލްކޮށްފިއެވެ. އީރާނުގެ ދިދަ ސްޓޭޑިއަމަށް ވެއްދުންވެސް މަނާކޮށްފިއެވެ. އެކަމަކު އީރާނުގެ ސަރުކާރު ވައްޓާލަން އުޅޭ މީހުންގެ ދިދަ ހުއްދައެވެ. އިޒްރޭލަކީ މުބާރާތުގައި ކުޅޭ ގައުމަކަށް ނުވިޔަސް އިޒްރޭލުގެ ދިދަ ހިފައިގެން އެބަވަދެވެެއެވެ. އީރާނު ކުޅޭ މެޗުތަކުގައި މިކަން މާބޮޑު ކުރަންޏާ މެޗު ހުއްޓާލާފައި މުބާރާތުންވެސް އީރާނު ވަކިވެދާނެކަމުގެ އިންޒާރު އީރާނުން ވަނީ މިހާރު ފީފާއަށް ދީފައެވެ.