ވޯލްޑް ކަޕް 2026 ގައި ޔޫރަޕް ޗެމްޕިއަން ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ގޯލެއް ނުޖެހި އެއްވަރުވުމުން ސްޕެއިނަށް އަމާޒުވި ފާޑުކިޔުންތަކަކީ ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
މުބާރާތުގައި އަލަށް ވާދަކުރާ އެފްރިކާގެ ކޭޕް ވާޑްއާ ދެކޮޅަށް ސްޕެއިނުން މޮޅު ކުޅުމެއް ދައްކާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް، އެ ޓީމަށް ކާމިޔާބެއް ނުހޯދުނެވެ. އެހެންކަމުން "ގްރޫޕް އެޗް" ގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އިތުބާރު ހޯދަން ސްޕެއިނަށް ވަނީ މަޖުބޫރުވެފައެވެ.
ސައުދީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެ ލަ ފުއެންޓޭ ބުނީ ސްޕެއިންގެ ޓީމު އުޅެނީ އަމިއްލަ ދުނިޔެއެއްގައި ކަމަށާއި ނަމަވެސް ފާޑުކިޔުންތަކުގެ ސަބަބުން ޓީމަށް ހިތްވަރު ލިބެނީ ވާދަވެރި ކުޅުންތެރިންތަކެއް ތިބުމުން ކަމަށެވެ.
ދެކެވެމުންދާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް، ބައެއް ވާހަކަތައް އިވޭ ކަމަށާއި އޭގެ އަސަރު ކުޅުންތެރިންނަށް ކުރުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކުޅުންތެރިން އެކަމާ ކުރިމަތިލަނީ ވަރަށް ރަނގަޅަށް ކަމަށާއި ސައުދީ މެޗުގައި ތަފާތު ކުޅުމެއް ދައްކަން ކުޅުންތެރިން ތިބީ ކެތްމަދުވެފައި ކަމަށް ކޯޗު ފާހަގަކުރިއެވެ.
ފާއިތުވި މެޗުގެ ނަތީޖާއާ މެދު މާޔޫސްނުވާ ކަމަށާއި ޓީމު އޮތީ ވަރަށް ބޮޑަށް ހިތްވަރު ލިބިފައި ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ. އޭނާ ބުނިގޮތުގައި މެޗު އެނަލައިޒްކޮށް، ރަނގަޅުކުރަންޖެހޭ ކަންކަމާއި ގޯސްކޮށް ދިޔަ ކަންކަން މިހާރު ވަނީ ދެނެގަނެފައެވެ.
ސައުދީ އަރަބިއްޔާ ވެސް ވަނީ ފުރަތަމަ މެޗުގައި އުރުގުއޭއާ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން މުބާރާތުގައި މޮޅެއް ހޯދުމަށް ސައުދީއަށް މުހިންމުވެފައިވާ އިރު، ޑިފެންސަށް ވެސް އިސްކަން ދޭންޖެހޭނެއެވެ.
ސްޕެއިން ކޯޗު ޑެ ލަ ފުއެންޓޭ ބުނީ ސްޕެއިން ކުޅޭ ސްޓައިލްގެ ސަބަބުން އިދިކޮޅު ޓީމުތަކުން ކުޅެނީ ވަރަށް ފަހަތަށް ޖެހިގެން ކަމަށާއި އެހެންކަމުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ. ފުރަތަމަ މެޗުގައި ސްޕެއިންގެ ކުޅުން ތޫނުފިލި ނޫން ކަމަށާއި ބޯޅަ ޕާސްކުރުމާއި ސްޕީޑް ވެސް ދަށް ކަމަށް އޭނާ އެއްބަސްވިއެވެ.
މީގެ އިތުރުން، އުމުރުން 18 އަހަރުގެ ވިންގާ ލަމީން ޔަމާލްގެ ފިޓްނަސްއާ ގުޅޭގޮތުން ވެސް ކޯޗާ ގިނަ ސުވާލުތަކެއް ކުރިމަތިވިއެވެ. އޭޕްރީލް މަހަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ޔަމާލްއާ ގުޅޭގޮތުން ކޯޗު ޑެ ލަ ފުއެންޓޭ ބުނީ ޔަމާލް ހުރީ ފިޓްކޮށް ކަމަށާއި އެއީ ލިބުނު އެންމެ އުފާވެރި ހަބަރު ކަމަށެވެ. އޭނާ ކުޅޭނެ ވަގުތެއް އަދި ނުނިންމާ ކަމަށާއި، އެންމެ މުހިންމު ކަމަކީ އޭނާ އެނބުރި އައުން ކަމަށް ކޯޗު ފާހަގަކުރިއެވެ.
މިއަދު އުމުރުން 65 އަހަރު ފުރުނު ޑެ ލަ ފުއެންޓޭ ބުނީ އޭނާގެ އުފަންދުވަހުގެ އެންމެ ބޮޑު ހަދިޔާއަކަށް ވާނީ އަނިޔާއަކާ ނުލައި ރަނގަޅު ކުޅުމެއް ދައްކައި މެޗުން މޮޅުވުން ކަމަށެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އެޗް" ގައި ސްޕެއިނުން ސައުދީއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް