އީރާނުގެ ނިއުކްލިއަ ސައިޓުތައް ބަލައިފާސްކުރުމަށް އދ. ގެ ނިއުކްލިއަ ވޮޗްޑޮގް، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ތައްޔާރުވަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މިއީ އެމެރިކާއާއި އީރާނާ ދެމެދު ދާދި ފަހުން ސޮއިކުރި ވަގުތީ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވި ގޮތުގައި، އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް އެ އިދާރާގެ އިންސްޕެކްޓަރުން ވަރަށް އަވަހަށް ޒިޔާރަތްކުރާނެއެވެ. އަދި ދެ ގައުމުގެ ރައީސުން ސޮއިކުރައްވާފައިވާ ފަހުމުނާމާގައި، އީރާނުގެ ނިއުކްލިއަ ހަރަކާތްތައް މޮނިޓަކޮށް ބަލަހައްޓާނީ އައިއޭއީއޭއިން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގުސަދަކީ އީރާނުގައި ރައްކާކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދެނެގަތުމާއި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެ ގައުމުގައި ހުރި ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ބާރު ދަށްކުރުމަށް އެއްބަސްވެފައި ކަމަށް ހަބަރުތައް ބުނެއެވެ.
ފާއިތުވި 2025 ވަނަ އަހަރު އީރާނުގެ ބައެއް ނިއުކްލިއަ ސައިޓުތަކަށް ދިން ހަމަލާތަކަށްފަހު، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް އެ ތަންތަނަށް ވަނުން އޮތީ މަނާކޮށްފައެވެ.
ފަސްދޮޅަސް ދުވަހުގެ މުއްދަތަށް ވެފައިވާ މި ވަގުތީ އެއްބަސްވުމަކީ މެދުއިރުމަތީގެ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށް ހަބަރުތައްބުނެއެވެ. އަދި މިއީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ހޯދުމަށްވެސް މަގުފަހިކޮށްދޭނެ ކަމެކެވެ. ނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ އައިއޭއީއޭގެ އިންސްޕެކްޝަންތަކެއް މިވަގުތު ރޭވިފައި ނެތް ކަމަށް ބުނެފައެވެ. އެހެންނަމަވެސް ގްރޮސީ ވިދާޅުވީ، ސިޔާސީ ގޮތުން ތަފާތު ވާހަކަތައް ދެކެވުނު ނަމަވެސް، އިންސްޕެކްޝަންތައް ކުރިއަށްދާނެ ކަމަށެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް