ވޯލްޑް ކަޕް 2026 ގައި ސައުތު ކޮރެއާ ކަޓުވާލުމަށްފަހު، ސައުތު ކޮރެއާއިން ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.

ސައުތު ކޮރެއާ ޖޮސެއޮންގެ ގޮތުގައި އޮތް އިރުވެސް އެގައުމުގައި ފުޓުބޯޅައިގެ ހަރަކާތްތަކެއް ކުރިއަށްދިޔައެވެ. އޭގެ ފަހުން ސައުތު ކޮރެއާގެ ފުޓުބޯޅަ 1945 ވަނަ އަހަރު ރަސްމީވެ، 1948 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރިއެވެ. އޭޝިއަން ކަޕްގެ ފުރަތަމަ ދެ މުބާރާތް ކާމިޔާބުކުރި ސައުތު ކޮރެއާއިން ވޯލްޑް ކަޕްގައި 11 ފަހަރު ކުޅެފައިވެއެވެ. 1986 ވަނަ އަހަރުން 2022 ވަނަ އަހަރާއި ހަމައަށް ސައުތު ކޮރެއާއިން ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވެއެވެ.

ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އޭޝިއާގެ ޓީމަކީވެސް ސައުތު ކޮރެއާއެވެ. ކޮރެއާ ވަނީ ޖަޕާނާއެކު 2002 ވަނަ އަހަރު ވޯލްޑް ކަޕް ހޯސްޓް ކޮށް، އެފަހަރު ސެމީ ފައިނަލުގައި ކުޅެ، ހަތަރު ވަނަ ހޯދައިފައެވެ. އެފަހަރު ކޮރެއާއިން ވަނީ ސްޕެއިނާއި އިޓަލީ އަދި ޕޯޗުގަލްވެސް ބަލިކޮށްފައެވެ. ގަތަރު ވޯލްޑް ކަޕުން ސައުތު ކޮރެއާ ކެޓީ ގަދަ 16 އިންނެވެ.

ދެކުނު އެފްރިކާއިން ފުރަތަމަ މެޗެއް ކުޅުނީ 1906 ވަނަ އަހަރުއެވެ. އޭގެފަހުން ފީފާގެ ސަސްޕެންޝަނެއްގައި އޮތުމަށްފަހު އަލުން ފުޓުބޯޅައަށް ނުކުތީ 1992 ވަނަ އަހަރުއެވެ. 16 އަހަރު އެގައުމުން ފީފާ ސަސްޕެންޝަނެއްގައި އޮތެވެ. މީގެ ކުރިން ތިން ވޯލްޑް ކަޕެއްގައި ދެކުނު އެފްރިކާއިން ކުޅުނެވެ. އެއީ ކޮލިފައި ވެގެން ކުޅުނު 1998 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން އެގައުމުގައި ބޭއްވި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ދެކުނު އެފްރިކާއަކީ ވޯލްޑް ކަޕެއް ހޯސްޓް ކުރި އެފްރިކާގެ ފުރަތަމަ ގައުމެވެ. އެ ޝަރަފާއެކު އެގައުމުގެ ވޯލްޑް ކަޕް ވެގެންދިޔައީ ގައުމުގެ ސަގާފަތް ދުނިޔެއަށް އިޝްތިހާރު ވެގެން ދިޔަ ވޯލްޑް ކަޕަކަށެވެ.

މީގެ ކުރިން 1996 ވަނަ އަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދި ދެކުނު އެފްރިކާއިން މިފަހަރު ވޯލްޑް ކަޕަށް ނުކުންނަނީ މެދުކެނޑުމަކަށްފަހުއެވެ. އަމިއްލަ ގައުމުގެ ވޯލްޑް ކަޕާއި ދެން ކުރިން ކުޅުނު ވޯލްޑް ކަޕްތަކުގައިވެސް އެގައުމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

"ގްރޫޕު އޭ" ގައި މެކްސިކޯއިން ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. ގްރޫޕުގައި ދެން ހިމެނޭ ސައުތު ކޮރެއާ، ޗެކް ރިޕަބްލިކް އަދި ސައުތު އެފްރިކާއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ޖާގަ ކަށަވަރުކުރުމަށް ފަހު މެޗުން މޮޅުވާން ޖެހެއެވެ. ގްރޫޕުގައި މެކްސިކޯއަށް ހަ ޕޮއިންޓު ލިބިފައިވާ އިރު، ސައުތު ކޮރެއާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ޗެކް ރިޕަބްލިކާއި ސައުތު އެފްރިކާއަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފަހު މެޗުތަކަށް ނުކުންނަ އިރު، ސައުތު ކޮރެއާ އާއި ޗެކް ރިޕަބްލިކް އަދި ސައުތު އެފްރިކާއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދެން އޮތެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވެނީ ސައުތު ކޮރެއާގެ ކެޕްޓަން ސޮން ހިއުން މިން ބެންޗުން ފެށުމެވެ. ނަމަވެސް ބަޔާން މިއުނިކަށް ކުޅޭ ޑިފެންޑަރު ކިމް މިން ޖޭ، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅޭ ލީ ކަންގް އިން ވަނީ ހިމަނައިފައެވެ. އަދި މެކްސިކޯ މެޗު ބެންޗުން ފެށި އިނގިރޭސިވިލާތުގެ ވުލްވްސްއަށް ކުޅޭ ހުވަން ހީ ޗޭން ވެސް ސައުތު ކޮރެއާއިން މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި ވަނީ ހިމަނައިފައެވެ. ސައުތު އެފްރިކާގެ ފުރަތަމަ 11 ގައި ގޯލްކީޕަރު ރޮންވެލް ވިލިއަމްސް ފާހަގަކޮށްލެވުނު އިރު، މި މެޗުގައި ވެސް ފޯވަޑް ލައިލް ފޮސްޓާ ފެށީ ބެންޗުންނެވެ.

މެކްސިކޯގެ އެސްޓާޑިއޯ މޮންޓެރޭގައި މިއަދު ކުޅުނު "ގްރޫޕު އޭ" ގެ މެޗުގައި ސައުތު އެފްރިކާއިން ސައުތު ކޮރެއާގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ސައުތު ކޮރެއާއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ކިމް މިން ޖޭ ބޮލުން ފޮނުވާލި ހަމަލާ، ސައުތު އެފްރިކާގެ ޑިފެންސުން ބްލިކްވި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ލީ ކަންގް އިން ފޮނުވާލި ހަމަލާ ދިޔައީ ސައުތު އެފްރިކާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން ސައުތު އެފްރިކާއަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލުމުގެ ފުރުސަތު ސައުތު ކޮރެއާއިން ސައުތު އެފްރިކާއަށް ދީފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ގިނަ މަސައްކަތްތަކަކަށްފަހު ސައުތު އެފްރިކާއިން ވަނީ މެޗުގެ 62 ވަނަ މިނެޓުގައި ގޯލު ޖަހައި ލީޑު ހޯދައިފައެވެ. މޮރެމީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސައުތު އެފްރިކާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ތަޕެލޯ މަސޭކޯ އެވެ.

ސައުތު އެފްރިކާގެ ގޯލަށްފަހު މުޅިން މެޗުގެ ކުޅުން ބަަދަލުވެގެންދިޔަ ތަން ފެނިގެންދިޔައެވެ. ކޮރެއާއިން އަލުން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކުރުމަށް ގޯލެއް ޖެހުމަށް މަސައްކަތްކުރަމުންދިޔަ އިރު، ސައުތު އެފްރިކާއިން މަސައްކަތްކުރީ އެޓީމުގެ ފުރުސަތު ދެމެހެއްޓުމަށް ޑިފެންސް ކުރުމަށެވެ.

މެޗުގެ އެންމެ ފަހު މިނެޓުކޮޅުގެ ތެރޭގައި ވެސް މޮޅެއް ހޯދުމަށް ކޮރެއާ އިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ސައުތު އެފްރިކާގެ ވަރުގަދަ ޑިފެންސާއި ކީޕަރު ރޮންވެން ވިލިއަމްސްގެ ހުޝިޔާރުކަމުން ކޮރެއާއަށް ވަނީ އެ މަސައްކަތްތައް ނާކާމިޔާބުވެފައެވެ.

މި ނަތީޖާއާއެކު ސައުތު ކޮރެއާއިން ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މެކްސިކޯއިން ވަނީ ހުރިހާ މެޗެއް ކާމިޔާބުކޮށް ނުވަ ޕޮއިންޓު ހޯދައި ގްރޫޕުގެ އެއްވަނަ ހޯދައިފައެވެ. ތިންވަނަ ޕޮއިންޓާއެކު ކޮރެއާއިން ތިންވަނައިގައި ނިންމާލި އިރު، ޗެކް ރަބްލިކް ނިންމާލީ އެއް ޕޮއިންޓާއެކުއެވެ.