ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ގަތަރާއި ބޮސްނިއާ ކުޅުނު ފަހުން މެޗުން ބޮސްނިއާ މޮޅުވެއްޖެއެވެ.
އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ބޮސްނިއާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ދެޓީމަށްވެސް ގަދަ 32 ގެ ފުރުސަތު އޮތެވެ. އެއީ މިފަހަރު ތިންވަނަ ޓީމުތަކުގެ ތެރެއިންވެސް އަށް ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު ލިބޭތީއެވެ. ގަތަރާއި ބޮސްނިއާވެސް ގްރޫޕް ބީގައި ފުރަތަމަ ކުޅުނު ދެމެޗުން ޕޮއިންޓެއް ހޯދިއެވެ. ގަތަރުން ސްވިޒަލޭންޑް ކައިރިން 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދި އިރު، ކެނެޑާ ކައިރިން ބަލިވީ 6-0 އިންނެވެ. އަނެއްކޮޅުން ބޮސްނިއާ ވަނީ ކެނެޑާ ކައިރިން 1-1 އިން އެއްވަރުކޮށްފައެވެ. ބޮސްނިއާ ބަލިވީ ސްވިޒަލޭންޑް ކައިރިންނެވެ. އެއީ 4-1 އިންނެވެ.
ބޮސްނިއާއާއި ގަތަރަށްވެސް މިއީ ތާރީހުގައި ދެވަނަ ވޯލްޑް ކަޕެވެ. އޭޝިއާގެ ޗެމްޕިއަންކަން އެންމެފަހުން ދެ ފަހަރުވެސް ހޯދި ގަތަރުން 2022 ވަނަ އަހަރު ހޯސްޓް ގައުމުގެ ގޮތުގައި ވޯލްޑް ކަޕްގައި ކުޅެފައިވާ އިރު، އެފަހަރު ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. މިފަހަރު ހޯދި ޕޮއިންޓަކީ ތާރީހީ ޕޮއިންޓެކެވެ. ބޮސްނިއާއިން ދެން ވާދަކުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެފަހަރު އިރާން ބަލިކޮށް މޮޅެއް ހޯދި ނަމަވެސް، ގްރޫޕް ސްޓޭޖުން ސަލާމަތެއް ނުވެވުނެވެ.
މިރޭގެ މެޗަކީ ގަތަރާއި ބޮސްނިއާ ވޯލްޑް ކަޕެއްގައި ވާދަކުރި ފުރަތަމަ މެޗެވެ. މީގެ ކުރިން ގަތަރާއި ބޮސްނިއާ އެކުވެރިކަމުގެ ދެމެޗެއ ކުޅެފައިވާ އިރު، 2000 ވަނަ އަހަރު ޖެނުއަރީ މަހު ކުޅުނު މެޗު ގަތަރުން ކާމިޔާބުކުރީ 2-0 އިންނެވެ. އަދި 2010 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު އެއްވަރުވީ 1-1 އިންނެވެ.
ތާރީހު ލިޔެލުމަށް ނުކުތް މެޗުގެ ފުރަހަމަ ހާފު ޝައުގުވެރިއެވެ. ފުރަތަމަ ކޮޅުގައި ބޮސްނިއާއިން މެޗުގެ ކޮންޓްރޯލަށް މަސައްކަތްކޮށް، ގިނަ ވަގުތު ބޯޅަ ހިފެހެއްޓިއެވެ. އެހެން ނަމަވެސް މެޗު ހުޅުވިގެން ދިޔައީ ހައިޑްރޭޝަން ބްރޭކަށްފަހުއެވެ.
މެޗުގެ 29 މިނެޓުގައި ބޮސްނިއާގެ ޒުވާން ތަރި، ކަރީމް އަލަޖްބެގަވިޗްގެ ޖާދުވީ ގޯލަކާއެކު ބޮސްނިއާ ކައްކުވާލިއެވެ. އޭރިއާ ބޭރުން ގަތަރުގެ ދެ ކުޅުންތެރިއަކު ނައްޓާލުމަށްފަހު ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ ތެރެއަށެވެ. ހަމަލާގެ ބާރު ކަމުން ގަތަރު ކީޕަރު މަހްމޫދު އަބޫނާދާއަށް ކުރެވުނު މާބޮޑު މަސައްކަތެއް ނެތެވެ.
އެ ގޯލާއެކު ބޮސްނިއާގެ ހިތްވަރު އާވިއެވެ. އަދި އިރުކޮޅެއްފަހުން ދެވަނަ ގޯލެއް ޖެހިއެވެ. 34 ވަނަ މިނެޓުގައި ބޮސްނިއާއިން ޖެހި ދެވަނަ ގޯލަކީ ގަތަރުގެ ސުލްތާން އަލް ބްރާކްގެ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލްގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ބޮސްނިއާއަށް 150 ވަނަ މެޗު ކުޅެމުންދިޔަ އެގައުމު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެޑިން ޖެކޯއެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ޖެކޯ ފައިން ޖައްސާލުމުން، ގޯލަށް ވަނީ ސުލްތާން ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
ގަތަރުން ކުރިއަށް ޖެހި ޑިފެންސް ކުރަމުން ދިޔަ އިރު، ގޯލަށް އެންމެ ހަތަރު މިނެޓް ފަހުން ބޮސްނިއާއަށް އަނެއްކާވެސް ހުސް ފުރުސަތެއް ލިބުނެވެ. މިފަހަރުވެސް ޖެކޯގެ ނުރައްކަލެވެ. އޮފްސައިޑުން ސަލާމަތްވެ، ގަތަރުގެ ޑިފެންސް ތެރެއިން ދެމިގަނެގެން ގޮސް، އޭރިއާ ތެރެއިން ޖެކޯ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
އެ ޕްރެޝަރާއެކު ބޮސްނިއާއިން ދެ ގޯލްގެ ލީޑަކުން ހާފު ނިންމާލަން ދަނިކޮށް، ގަތަރުން އަނބުރާ މެޗަށް ވަނެވެ. އެޓީމުގެ ފުރަތަމަ ހަމަލާ ގޯލަށް ވައްދާލީ ގައުމީ ޓީމަށް ރެކޯޑު އަދަދަކަށް މެޗު ކުޅެފައި ވަނީ ހަސަން އަލް ހޭޑޯސްއެވެ.
ބޮސްނިއާގެ ދެވަނަ ގޯލަށްފަހު ކުރިއަށް ޖެހުނު ގަތަރުގެ ގޯލް އޭނާ ޖަހައިދިނީ އަރިމަތިން އެޑްމިލްސަން ޖޫނިއާ ނަގައިދިން ބޯޅައަށް ރަނގަޅު ވަގުތު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައިންނެވެ. އެއާއެކު މެޗު ފޯރިގަދަވެ، ދެވަނަ ހާފް ހުޅުވިގެން ދިޔައެވެ.
ދެވަނަ ހާފު ފެށިގެންވެސް ގަތަރުން ނުރައްކާ ކުރިއެވެ. އެއްވަރުކުރަން ކުރި މަސައްކަތުގައި އަކްރަމް އަފީފަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ބޮސްނިއާއިން ދިޔައީ ހިތްވަރާއެކު ހިފަހައްޓަމުންނެވެ. އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެވަނަ ބުރުގެ ފުރުސަތަކަށް ކުރި މަސައްކަތުގައި އެންމެ މުހިއްމު ރޯލެެއް ކުޅެމުންދިޔައީ އަލަޖްބެގަވިޗެވެ.
ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކަށްފަހު އަލަޖްބެގަވިޗްގެ ބާރު ހަމަލާއެއް ގަތަރު ކީޕަރު އަބޫނާދާ މަތަކުރި އިރު، އޭގެ އިރުކޮޅެއްފަހުން ދެވަނަ ފުރުސަތަކަށް ކުރި މަސައްކަތުގައި ގަތަރު ޑިފެންޑަރު އޭނާއަށް ހުރަސް އެޅިއެވެ.
ބޮސްނިއާއިން އެޓީމުގެ މުހިއްމު ތިންވަނަ ގޯލް ކާމިޔާބުކުރީ 80 ވަނަ މިނެޓުގައައެވެ. ކޯނަރެއްގައި އޭރިއާ ތެރެއިން ސްޓެޕަން ރަޑެލްޖިކް ފޮނުވާލި ހަމަލާ ބްލޮކް ވެގެން ލިބުނު ބޯޅަ ގޯލަށް ވައްދާލީ ބަދަލަކަށް ނުކުތް އާމިން މަހްމިޗެވެ. އެ ގޯލާއެކު ބޮސްނިއާއިން ތާރީހު ލިޔެލަން ފުރުސަތު ހޯދިއެވެ.
ނަތީޖާއާއެކު ބޮސްނިއާ ނިންމާލީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ. އެއީ ހަތަރު ޕޮއިންޓާއެކު -1 ގޯލާއެކުގައެވެ. ގަތަރު ނިންމާލީ ތިން މެޗުން އެއް ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ އެއްވަނަ ހޯދީ ސްވިޒަލޭންޑެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނަ ލިބުނީ ކެނެޑާއަށެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓް އަދި، ފައިދާ ފަސް ގޯލާއެކުގައެވެ.
ބޮސްނިއާއަށް އަދި ގަދަ 32 ގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގައި ހިމެނިގެން އަނެއް ބުރަށް ދިޔުމަށެވެ. 12 ގްރޫޕްގެ ތިންވަނަ ޓީމުތަކަށް ބަލާއިރު، މިވަގުތު ބޮސްނިއާއަކީ އެންމެ ނަތީޖާ ރަނގަޅަށް އޮތް ތިންވަނަ ޓީމެވެ. އެހެންކަމުން އެޓީމަށް ފުރުސަތު ބޮޑުވެސް މެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް