ވޯލްޑް ކަޕް 2026 ގައި ސްކޮޓްލެންޑް ކަޓުވާލުމަށްފަހު ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ބްރެޒިލުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ބްރެޒިލަކީ ފުޓުބޯޅައިގެ އެންމެ ކާމިޔާބު، އެންމެ ވަރުގަދަ އެއް ނަމެވެ. ބްރެޒިލާއި ފުޓުބޯޅަ ގުޅިފައި ވަނީ ހިތާއި ހިތުގެ ގުޅުމަކުންނެވެ. އެގައުމުގެ ސަގާފަތާއި ތަރިކައިގައި ފުޓުބޯޅައިގެ ހިއްސާ ބޮޑެވެ. ފީފާގެ މެންބަރެއްގެ ގޮތުގައި 1923 ވަނަ އަހަރުން ފެށިގެން ރަސްމީވި ބްރެޒިލްގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެންމެ ގިނަ ތަރިން ފުޓުބޯޅައަށް ގެނެސްދިން އެއް ޓީމެވެ. އެގައުމަކީ ފުޓުބޯޅައިގެ ހާއްސަ ސްޓައިލެއް ރަމްޒުކޮށްދޭ، ޗަރުކޭހުގެ ހުނަރު ދުނިޔެއަށް ދައްކުވައިލަދިން ގައުމެކެވެ.
ބްރެޒިލްގެ ފުޓުބޯޅައަށް ފަނޑު ދުވަސްތަކެއް އައީ މަދު ފަހަރަކުއެވެ. ބަލިވުމުގެ ހިތްދަތިކަންވެސް ތަޖުރިބާ ކުރަން ޖެހެނީ މަދު ފަހަރެއްގައެވެ. ކެނެރީ ރީނދޫ ރަމްޒުކޮށްދޭ ބްރެޒިލުން ފެނިގެން ދިޔައީ ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ ވަރުގަދަ ސްކޮޑުތަކެވެ. ރެކޯޑު ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ނަމެވެ.
ވޯލްޑް ކަޕްގެވެސް، ދެކުނު އެމެރިކާ ސަރަހައްދުގެވެސް އެންމެ ކާމިޔާބު ޓީމަކީ ބްރެޒިލެވެ. ބްރެޒިލުން ވަނީ 1958، 1962، 1970 ވަނަ އަހަރުގެ އިތުރުން 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. ރީނދޫ ކުލައަށް ހާއްސަ ބްރެޒިލަށް މިހާތަނަށް ވޯލްޑް ކަޕަކުން ފުރުސަތު ގެއްލިފައެއް ނުވެއެވެ. 1930 ވަނަ އަހަރު އުރުގުއާއީގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުން ފެށިގެން މިއަދާ ހަމައަށް ކޮލިފައިވީ ޕްލޭ އޮފްގައިވެސް ކުޅެން ނުޖެހިއެވެ.
ފީފާ ކޮންފެޑެރޭޝަންސް ކަޕްވެސް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލަށް ދުނިޔޭގެ ތަށްޓެއް ނުލިބޭތާ ޒަމާންތަކެއްވެފައިވީ ނަމަވެސް، އަދިވެސް އެގައުމަކީ ފެވަރިޓެކެވެ. ކޮލިފިކޭޝަނަކީ ގައުމުގެ ތާރީހަށް ބަލާއިރު އެންމެ ދަށް ކޮލިފިކޭޝަން ނަމަވެސް ފެވަރިޓުންގެ ޓެގެއް ނުގެއްލެއެވެ.
މިއީ ސްކޮޓްލެންޑްގެ ނުވަވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން ކޮންމެ ވޯލްޑް ކަޕެއް ވެސް ސްކޮޓްލެންޑް ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖާ ހިސާބުންނެވެ. ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ގިނަވެގެން ސްކޮޓްލެންޑަށް ހޯދިފައިވަނީ އެއް މޮޅެވެ. އެންމެ ފަހުން ސްކޮޓްލެންޑް ވާދަކޮށްފައިވަނީ ވޯލްޑް ކަޕް 1998 ގައެވެ. އެހެންކަމުން މިއީ 28 އަހަރަށްފަހު ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަަޕް 2026 ގެ "ގްރޫޕު ބީ" އިން ދެވަނަ ބުރަށް ދަތުރުކުރާނެ އެއްވެސް ޓީމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. މިހާތަނަށް ކަޓާފައިވަނީ ހަމައެކަނި ހެއިޓީއެވެ. ބްރެޒިލާއި މޮރޮކޯ އަދި ސްކޮޓްލެންޑަށް ވެސް ދެވަނަ ބުރުގެ ފުރުސަތު ލިބެން އެބައޮތެވެ. ސްކޮޓްލެންޑުން ބްރެޒިލާ އެއްވަރުކޮށްގެން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. ބްރެޒިލާއި މޮރޮކޯއަށް ފަހު މެޗުތައް އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ. މޮރޮކޯއިން ފަހު މެޗުގައި ނުކުންނާނީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތް ހެއިޓީއާ ދެކޮޅަށެވެ.
ބްރެޒިލުން ވަނީ ފުރަތަމަ ފަހަރަށް މެޗެއްގެ ސްކޮޑުގައި ނޭމާ ހިމަނައިފައެވެ. ބެންޗުން ނޭމާ ފެށި އިރު، އަނިޔާއާ ގުޅިގެން ރަފީނިއާ ސްކޮޑުގައި ހިމަނައިފައެއް ނުވެއެވެ. ރަފީނިއާގެ ބަދަލުގައި މިރޭގެ މެޗުގައި ފުރަތަމަ 11 ގައި ހިމަނާފައިވަނީ ރަޔަންއެވެ. ވިނީޝިއަސް ޖޫނިއާ އަދި މެތިއަސް ކޫންޏާ ފަދަ ވަރުގަދަ ކުޅުންތެރިންނާއެކު ބްރެޒިލްގެ ފުރަތަމަ 11 ވަރުގަދައެވެ. ސްކޮޓްލެންޑުން ވެސް ކެޕްޓަން އެންޑްރޫ ރޮބާޓްސަން، ޖޯން މެގިން އަދި ސްކޮޓް މެކްޓޮމިނޭ އާއެކު ނެރެފައިވަނީ ވަރުގަދަ ފުރަތަމަ 11 އެކެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ސީ" ގެ މެޗުގައި ސްކޮޓްލެންޑްގެ މައްޗަށް ބްރެޒިލުން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ ކުޅުމަކާއެކު ފެށި ބްރެޒިލުން ވަނީ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސްކޮޓް މެކެނާއަށް ހެދުނު ގޯހަކުން ރަޔަން ފައިގައި ޖެހި ބޯޅަ ލިބުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ސްކޮޓްލެންޑް ކީޕަރު އެންގުސް ގަން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާ އެވެ. މިއީ މި ވޯލްޑް ކަޕްގައި ވިނީޝިއަސް ޖެހި ތިންވަނަ ގޯލެވެ. އޭނާ ވަނީ ގްރޫޕު ސްޓޭޖުގެ ކޮންމެ މެޗެއްގައި ވެސް ގޯލެއް ޖަހައިފައެވެ.
ގޯލަށްފަހު ވެސް ބްރެޒިލުން ދިޔައީ އެޓޭކުކޮށް ސްކޮޓްލެންޑްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ވިނީޝިއަސް ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އެ ހަމަލާ ސްކޮޓްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ބްރެޒިލް ތަރި ވިނީޝިއަސް ވަނީ އިތުރު ބޯޅައެއް ސްކޮޓްލެންޑްގެ ގޯލު ތެރެއަށް ފޮނުވާލައިފައެވެ. ނަމަވެސް ބޯޅަ ހޯދުމުގައި ސްކޮޓްލެންޑް ޑިފެންޑަރު ހެންޑްރީއަށް ވިނީޝިއަސް ފައުލްކޮށްފައިވާތީ އެ ގޯލު ބަލައިގެންފައެއް ނުވެއެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ބްރެޒިލްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރަޔަން ފޮނުވާލި ހަމަލާ، ސްކޮޓްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ކޫންޏާ ފޮނުވާލި ހަމަލާ ވެސް ސްކޮޓްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބްރެޒިލަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ވިނީޝިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކޫންޏާ ފޮނުވާލި ބޯޅަ، ގޯލު ލައިންމަތިން ސްކޮޓްލެންޑްގެ ލެވިސް ފާގަސަން ވަނީ ދިފާއުކޮށްފައެވެ.
ފުރަތަަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވިނީޝިއަސް ވަނީ އިތުރު ގޯލެއް ޖަހައި ބްރެޒިލަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ ގޯލު ކާމިޔާބުކުރީ ކަސެމީރޯ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ހުސް ގޯލުގެ ތެރެއަށް ބޮލުން ބޯޅަ ފޮނުވާލައިގެންނެވެ. މިއީ މި ވޯލްޑް ކަޕްގައި ވިނީޝިއަސް ޖެހި ހަތަރުވަނަ ގޯލެވެ.
އޭގެ މާގިނައިރުތަކެއް ނުވެ، ބްރެޒިލަށް ތިން ގޯލުގެ ލީޑެއް ހޯދުމަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ލޫކަސް ޕަކެޓާ ދިން ބޯޅަ، ހުސްކޮށް ހުރެ ރަޔަން ފޮނުވާލުމުން، ސްކޮޓްލެންޑް ކީޕަރު ގަން ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ހަމަލާ އުފެއްދީ ސްކޮޓްލެންޑުންނެވެ. ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ކިރެން ޓިއާނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ސްކޮޓްލެންޑްގެ ސްކޮޓް މެކްޓިމިނޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ބްރެޒިލް ކީޕަރު އެލިސަންއާ ދިމާއަށެވެ.
މާގިނައިރުތަކެއް ނުވެ ބްރެޒިލްގެ ވިނީޝިއަސްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ވިނީޝިއަސް ފޮނުވާލި ހަމަލާ، ސްކޮޓްލެންޑް ކީޕަރު ގަން ވަނީ މަތަކޮށްފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ތިން ގޯލު ލީޑެއް ހޯދައިފައެވެ. ބްރޫނޯ ގިމަލަރޭސް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ސްކޮޓްލެންޑްގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެތިއަސް ކޫންޏާ އެވެ. މިއީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.
އޭގެ ދެ މިނެޓު ފަހުން ސްކޮޓްލެންޑަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެންޑަސަން ފޮނުވާލި ހިލޭ ޖެހުމެއް ބްރެޒިލް ކީޕަރު އެލިސަން މަތަކުރި އިރު، ކޯނަރެއްގެ ތެރެއިން މެކްޓިމިނޭ ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު އެލިސަން ވަނީ މަތަކޮށްފައެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ބްރެޒިލް ތަރި ނޭމާ ވަނީ ކުޅެން ނުކުމެއެވެ. މި މެޗަކީ މި ވޯލްޑް ކަޕްގައި ނޭމާ ކުޅޭ ފުރަތަމަ މެޗެވެ. ނޭމާ ކުޅެން ނުކުތުމާއެކު ބްރެޒިލްގެ އެޓޭކު އިތުރަށް ވަރުގަދަވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ.
މެޗު ނިމެނިކޮށް ވެސް ބްރެޒިލުން އެޓޭކުގައި ސްކޮޓްލެންޑްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ބަދަލުތަކާއެކު ކުޅެމުންދިޔަ ބްރެޒިލްގެ އެޓޭކަށް އިތުރު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ބްރެޒިލުން ވަނީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިފައެވެ. ދެވަނައިގެ ގޮތުގައި މޮރޮކޯ ވެސް ދެވަނަ ބުރުން ޖާގަ ހޯދި އިރު، އެޓީމަށް ވެސް ބްރެޒިލާ އެއްވަރަށް ހަތް ޕޮއިންޓު ވަނީ ލިބިފައެވެ. ބްރެޒިލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ސްކޮޓްލެންޑަށް ތިން ޕޮއިންޓު ލިބުނު އިރު، ހެއިޓީން ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް