ވޯލްޑް ކަޕް ގްރޫޕް ސީގެ ފަހު މެޗުތަކުގެ ތެރެއިން މޮރޮކޯއިން ކުޅުނު ފަހު މެޗުގައި ވަރުގަދަ ހިތްވަރެއް ކުރި ހެއިޓީ ބަލިކޮށް، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 32 ގެ ބުރު ޔަގީން ކޮށްފައެވެ.

މިރޭ އެޓްލާންޓާ ސްޓޭޑިއަމްގައި މޮރޮކޯއިން ތިން ފަހަރަށް ފަހަތުން އަރައި ހެއިޓީ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ގްރޫޕް ސީގައި ގަދަ 32 ގެ ފުރުސަތު ނެތީ ހެއިޓީއަށް އެކަންޏެވެ. ހެއިޓީން ކުޅުނު ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ކައިރިން 1-0 އިން ބަލިވެފައިވާ އިރު، ދެން ކުޅުނު މެޗުގައި ވަރުގަދަ ބްރެޒިލް އަތްދަށުވީ 3-0 އިންނެވެ.

މީގެ 52 އަހަރު ކުރިން ކުޅުނު ހެއިޓީގެ ފުރަތަމަ ވޯލްޑް ކަޕްގައި 1974 ވަނަ އަހަރު އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ބަލިވި ނަމަވެސް، އެފަހަރުވެސް ހިތްވަރު ކުރިއެވެ. މިފަހަރުވެސް މެޗުތަކުގައި އެ މަންޒަރު ފެނިގެން ދިޔަ ނަމަވެސް، ފަހު މެޗަށް ދިޔަ އިރު، ގަދަ 32 ގެ ފުރުސަތު ނެތީ މިފަހަރު ޕޮއިންޓުން އެއްވަރުވުމުން ދެން ގްރޫޕްގެ އެތުރުން ކަނޑައަޅަން ހެޑް-ޓު-ހެޑަށް ބަލާތީއެވެ. ބްރެޒިލް ކައިރިން ސްކޮޓްލޭންޑް ބަލިވެ، ތިން ޕޮއިންޓާއެކު ތިންވަނައަށް ދާން ޖެހޭ ހާލަތެއްގައި ހެއިޓީއަށް މިރޭ ތިން ޕޮއިންޓް ލިބުނަސް ތިންވަނައަކަށް ނޭރޭނެއެވެ.

މޮރޮކޯއިން މިދިޔަ 2022 ވަނަ އަހަރު ވޯލްޑް ކަޕްގައި ދުނިޔެ ހައިރާން ކޮށްލިއެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް މޮރޮކޯ ވެފައި ވަނީ އެ ޝަރަފު ހޯދި އެފްރިކާގެ ފުރަތަމަ ޓީމަށެވެ. މިފަހަރު ފެށީވެސް ރަނގަޅު ނަތީޖާއަކުންނެވެ. އެއީ ބްރެޒިލް ކައިރިން 1-1 އިން އެއްވަރު ކޮށްގެންނެވެ. އަދި އޭގެފަހުން 1-0 އިން ސްކޮޓްލޭންޑް ބަލިކޮށް، މޮރޮކޯ މިރޭ ނުކުތީ ގަދަ 32 ޔަގީން ކުރުމާ ގާތުގައި އޮވެގެންނެވެ.

މޮރޮކޯއިން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި ވިދާލި ޒުވާން މިޑްފީލްޑަރު އައްޔޫބު ބިވައުދީގެ ބަދަލުގައި މިރޭގެ މެޗު ފެށީ ތަޖުރިބާކާރު ސުފިޔާން އަމްރަބަތެވެ.

ހެއިޓީ ކަޓާފައި އޮތަސް، މޮރޮކޯއަށް މެޗު ފަސޭހަ ނުވާނެކަން ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް އެނގިގެން ދިޔައެވެ. މެޗު ފެނުނީ އަވަސް ޓެމްޕޯއެއްގައެވެ. ހޯމް މެޗެއްގެ ފުރުސަތު ނުލިބި، މުބާރާތަށް ނުކުތް ހެއިޓީން މުޅި ރައްޔިތުންގެ ހިނިތުންވުމަށް ކުޅެމުން ދިޔަ ދިޔުމާއެކު، ފުރަތަމަ ކޮޅުގައިވެސް ވަރުގަދަކޮށް ފެނުނީ ހެއިޓީއެވެ.

ނަތީޖާއެއްގެ ގޮތުން، 10 ވަނަ މިނެޓުގައި މޮރޮކޯ ސިއްސުވާލައި، ހެއިޓީން ލީޑު ނެގިއެވެ. މޮޅު އެޓޭކަކުންނެވެ. މެދުތެރެއިން ޖޯޝުއާ ކަސިމީރް، އަރިމައްޗަށް ބައިންދާލި ބޯޅައަށް އަރައި ސައިޑް ބެކް، ޖީން- ކެވިން ޑުވޭން ތިރި ތިރީން ބައިންދާލި ބޯޅަ ލެނީ ޖޯސެފް ބެކް ފްލިކަކުން ޖައްސާލުމުން ގޯލަށް ވަނީ މޮރޮކޯ ކީޕަރު ޔަސީން ބޯނޫ ގައިގައި ޖެހި ބައިކޮޅަށެވެ.

އެހިސާބުން މެޗު އިތުރަށް ޝައުގުވެރިވިއެވެ. ހާއްސަކޮށް މުޅި މެޗު "އެއްޑް ޓު އެންޑް" މެޗަކަށް ބަދަލުވިއެވެ. ފުރަތަމަ ހާފުގައި ފެނުނީ ދެޓީމުންވެސް ހުއްޓުމެއް ނެތި އެޓޭކް ކުރިތަނެވެ.

ހައިޑްރޭޝަން ބްރޭކަށް ފަހު، 31 ވަނަ މިނެޓުގައި މޮރޮކޯ އެއްވަރުކުރުމާ ގާތަށް ޖެހިލި އިރު، ގޯލެއް ވަނަ ނުދީ ހުއްޓުވީ ހެއިޓީގެ ކީޕަރު ޖޯނީ ޕްލަސީޑެވެ. އަޝްރަފް ހަކީމީ ކުރިއަށް ޖެހި ފޮނުވާލި ބާރު ހަމަލާ ޕްލަސީޑް މަތަކުރި އިރު، ރީބައުންސްގައި އައްޔޫބް އެލް ކާބީ ފޮނުވާލި ހަމަލާވެސް ވެއްޓިގެންފައި މަތަކުރީ ޕްލަސީޑެވެ.

އޭގެ ފަހުންވެސް ހަކީމީ ކުރިއަށް ޖެހުމުގެ ނުރައްކާ ހެއިޓީއަށް ބޮޑުވި އިރު، 39 ވަނަ މިނެޓުގައި މޮރޮކޯއަށް އެއްވަރު ކޮށްދިނީވެސް އޭނާއެވެ. ގައުމީ ޓީމަށް 99 ނުވަ މެޗު ކުޅެމުންދިޔަ ހަކީމީގެ ގޯލަކީ ބްރަހީމް ޑިއާޒްގެ ހަމަލާއެއް މަތަކުރަން އުޅުމުގެ ތެރޭގައި ހެއިޓީ ކީޕަރު ޕްލަސީޑް އަތުގައި ޖެހިފައި ވެއްޓުނު ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ޖެހި ގޯލެކެވެ.

އެއީ މޮރޮކޯއަށް މެޗުގެ ކޮންޓްރޯލް ލިބުނީ ކަމަށް ބަލައިގެން ތިބެވުނު ނަމަވެސް، ހެއިޓީން ދުލެއް ނުދިނެވެ. ދެން ފެނުނީ ހިތްގައިމު، ޖާދުވީ ވަގުތުކޮޅެކެވެ. 43 ވަނަ މިނެޓުގައި މޮރޮކޯގެ ފަހަތުން ސާފުކޮށްލަން އުޅުނު ބޯޅައެއް، އޭރިއާ ބޭރުން ވިލްސަން އިސިޑޯއަށް ލިބުމުން، އޭނާ ދެވަނަ ވިސްނުމަކަށް ނުގޮސް ފޮނުވާލީ ގޯލަށެވެ. އެއީ ފުރިހަމަ ނިންމުމަކަށްވީ، ބޯޅަ މާބޮޑަށް އެނބުރިވެސް ނުލައި، ބާރު ސްޕީޑުގައި ކަނަށް އަމާޒުވެ، ހެއިޓީއަށް ދެވަނަ ފަހަރަށް ލީޑު ލިބުމުންނެވެ.

އެއާއެކު މޮރޮކޯގެ މަސައްކަތް އަނެއްކާވެސް ބުރަވިއެވެ. އެހެން ނަމަވެސް ހަކީމީގެ ތަފާތަކާއެކު އަނެއްކާވެސް ހާފު ނިމުމުގެ ކުރިން އެއްވަރުކުރިއެވެ. އޭނާ އަރިމަތިން ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ އިސްމާއީލް ސައިބާރީއެވެ. ސައިބާރީ މުބާރާތުގައި ޖަހައިދިން ތިންވަނަ ގޯލާއެކު ހާފު ނިމުނީ އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި މޮރޮކޯ ނުރައްކާ ކުރި އިރު، ހެއިޓީން ބެލީ ޑިފެންސްކޮށް، ކައުންޓާގެ ފުރުސަތުތަކަށް މަސައްކަތް ކުރެވޭތޯއެވެ. ބިލާލް އަލް ހަނޫސް ފޮނުވާލި ހަމަލާ ޕްލަސީޑް މަތަކުރި އިރު، އޭގެފަހުން މޮރޮކޯގެ ހުރަހެއްގައި ރިކާޑޯ އަޑޭ އަތުން ބައިކޮޅަން ވަންނަން ދިޔަ ބޯޅަވެސް މަތަކުރީ ޕްލަސީޑެވެ.

މޮރޮކޯއިން ފަހުކޮޅުގައި މެޗުގެ ކޮންޓްރޯލް ހޯދި އިރު، އެޓީމުން ކުޅެމުން ދިޔައީ މާބޮޑު ހާސްކަމެއް ނެތިއެވެ. އެއީ އެ ގްރޫޕްގެ އަނެއް މެޗުގައި ބްރެޒިލުން ތަފާތު ބޮޑުކޮށް ސްކޮޓްލޭންޑް ކައިރިން ލީޑު ކުރަމުން ދިޔުމާއެކުގައެވެ. ސްކޮޓްލޭންޑް މޮޅު ނުވާ ހާލަތެއްގައި މޮރޮކޯއަށް ދެވަނައިގައި ގަދަ 32 ގެ ޖާގަ ލިބެން އޮތުމާއެކު މޮރޮކޯއަށް ވަނީ ހާސްކަން ކަނޑުވާލެވިފައެވެ.

ބަދަލުތަކާއެކު މޮރޮކޯއިން ފަހުވަގުތު އިތުބާރު ބޮޑުކުރި އިރު، އެޓީމުން ނިންމާލީ މެޗުން މޮޅުވެސް ވެގެންނެވެ. އޭރިއާ ތެރެއަށް އައި ހުރަހެއްގައި ޗަޑީ ރިއާޒު ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ ބަދަލަކަށް ނުކުތް ސުފިޔާން ރަހީމީއެވެ.

އޭގެފަހުންވެސް މޮރޮކޯ ދިޔައީ ނުރައްކާ ކުރަމުންނެވެ. ހަކީމީގެ ހިލޭ ޖެހުމެއް ޕްލަސީޑް މަތަކުރި އިރު، ފުރިހަމަ ވަގުތުގެ އެންމެ ފަހު ވަގުތުގައި މޮރޮކޯގެ ގެސީމޭ ޔާސީން ވަނީ އެޓީމުގެ ހަތަރު ވަނަ ގޯލާއެކު ނަތީޖާ ޔަގީން ކޮށްދީފައެވެ.

އޭގެފަހުން ހެއިޓީން ނުރައްކާ ކުރި ނަމަވެސް ބޯނޫ ވަނީ ޑަކެންސް ނަޒޯންގެ ބާރު ހިލޭ ޖެހުން މަތަކޮށް، ބޭރު ކޮށްލައިފައެވެ.

އެ ގޯލާއެކު މޮރޮކޯއިން ތިން މެޗުން ދެ މޮޅު ހޯދައި، ނިންމާލީ ހަތް ޕޮއިންޓާއެކުގައެވެ. ބްރެޒިލާއި މޮރޮކޯ ކުޅުނު މެޗު އެއްވަރުވެފައި އޮތުމުން މޮރޮކޯއަށް ތާވަލުގެ ދެވަނަ ލިބުނީ ފައިދާ ގޯލްގެ ފަރަގުންނެވެ. ބްރެޒިލަސް ގްރޫޕް އެއްވަނަ ޔަގީންވި އިރު، އެ ގްރޫޕްގެ ތިންވަނައަކީ ތިން މެޗުން ތިން ޕޮއިންޓާއެކު އޮތް ސްކޮޓްލޭންޑެވެ. އަދި ފުލުގައި އޮތީ ތިން މެޗުން ބަލިވި ހެއިޓީއެވެ.